ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލި 10،000 ރުފިޔާއަށް ވުރެ ބޮޑެއް ނުވާނެ: ރައީސް

މިސަރުކާރުން ދޫކުރާ ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލި 10،000 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ ހުރިހާ ފްލެޓެއް ވެސް ވަންނާނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ތެރެއަށް ކަމަށާއި އެ ޕްރޮގްރާމްގެ ދަށުން ދޫކުރާ ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލި 10،000 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން ވަޢުދުވިގޮތަށް، މީގެ ކުރިން ގޯއްޗާއި ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ މަޝްރޫޢުތަކުގައި ދޫކުރާ ބޯހިޔާވަހިކަން އެގޮތުގައި ދިނުމުގެ މަސައްކަތްތައް އުސޫލާ އެއްގޮތަށް ކުރިއަށްދާކަމަށެވެ.

އަދި އެއިން އެއްވެސް ލިސްޓަކަށް ބަދަލުނުގެނެސް، ވީ ވަޢުދާ އެއްގޮތަށް އުސޫލާ އެއްގޮތަށް އެންމެ ޙައްގުވެރިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި އެވެ.

ހުޅުމާލެއާއި ގުޅިފަޅުން ދޭން ނިންމި ގޯތިތައް ހަވާލުކޮށްފަވާއިރު، ނުހިއްކާ އޮތް ގިރާވަރު ފަޅުން ދިން ގެތަށް ދިނުމަށް އެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތްވެސް މިއަހަރަށް ނިންމާ، އެތަނުން ދޭން ކަނޑައެޅި ގޯތިތައްވެސް ދޭނެކަމަށާއި އެތަންތަން އަތު ނުލާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ހިއްކަމުންދާ ގިރާވަރުފުގެ މަސައްކަތްވެސް އަވަސްކުރަމުންދާކަމަށާއި މިމަހުގެ 23 ވަނަ ދުވަހު އިތުރު ޑްރެޖަރުތައް މި މަސައްކަތައް ރާއްޖެ ގެންނާނެކަމަށެވެ.

ސަރުކާރުން ވަނީ 15000 ގޯއްޗާއި 7500 ފްލެޓް ދޭން ނިންމާ އުސޫލު އިޢުލާނުކޮށްފައެވެ. އަދި އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޖެނުއަރީ މަހު ފުރަތަމަ ހަފްތާގައި ހުޅުވާލާނެއެވެ.

ރައީސް ވިދާޅުވީ މިއީ ފުރަތަމަ ބުރުގެ މަސައްކަތްކަމަށާއި ހަމައެކަނި ރަސްމާލެއިން އެކަނިވެސް 25000 ގޯތި ދޭނެކަމަށެވެ. އެއީ 1250 އަކަފޫޓުގެ ގޯތިތަކެވެ. ރައީސް ވިދާޅުވީ، ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ރަސްމާލެ ތަރައްޤީކުރާނީ އިކޯ ސިޓީއެއްގެ ގޮތުގައިކަމަށާއި އެކަމަށް ބޭނުންވާ އެކަށީގެންވާ ބިންވެސް ޕްލޭންގައި ހިމެނޭކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމް މިހާ އަވަހަށް އިޢުލާނުކޮށް މަސައްކަތްތައް ފެށީ، މި މަޝްރޫޢުތައް ފުރިހަމަވާއިރު، އެތަންތަން ލިބޭ މީހުން ކަނޑައަޅާފައި ބޭތިއްބުމަށްކަމަށެވެ.

"5-6 މަހުން ރަސްމާލެ ހިއްކާ ނިމޭނެ. ޖެނުއަރީ 4ގައި މި ހުޅުވާލަނީ ސްކީމްތަކަށް ފޯމު ހުށައަޅަން. ބިން ހިއްކާ ނިމެންވާއިރަށް މި ތަންތަނުން ގޯތި ލިބޭ މީހުން ކަނޑައެޅިފަ ތިބުމަށް ބޭނުންވަނީ. އަދި ފްލެޓް އަޅާ ނިމޭއިރު، ފްލެޓްވެސް ލިބޭ މީހުން ކަނޑައަޅާ ނިންމާފަ ބަހައްޓާނީ. ކަނޑަކުން ގޯއްޗެއް ނުދޭނަން، ހިކިފަސްތަނުން ގޯތި ދޭނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިލޭ ބިން ދީގެން، ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި މެދުވެރިކޮށް ތަރައްޤީކުރާ 3000 ހައުސިން ޔުނިޓަކީވެސް އިޖުތިމާޢީ ބޯހިޔާވަހިކަމަށް ފުރުޞަތު ދިނުމަށް ހިންގާ މަޝްރޫޢުއެއްކަމަށެވެ. ބީއެމްއެލްއިން ފެށި މަސައްކަތެކޭ އެއްގޮތަށް، އެމްއެމްއޭގެ ގަވައިދާ އެއްގޮތަށް، އެހެން ބޭންކްތަކުންވެސް ބޯހިޔާވަހިކަމަށް ފުރުޞަތުތައް ހުޅުވާލަން ޖެހޭގޮތަށް އޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ފްލެޓްތައް 10000 ރުފިޔައަށްވުރެ އަގު ބޮޑެއް ނުވާނެ. 3 ކޮޓަރީގެ ފްލެޓްތަކެއް މިއީ. އިތުރު 4500 ޔުނިޓަށް ބޭރުގެ އެހީ އެވަނީ ލިބިފައި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަސައްކަތް ގެންދަނީ އާއިލީ ކޮންސެޕްޓަކަށް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއިން ކޮންމެ ސްކީމެއްގައިވެސް އެންމެ އިސްކަން ދޭނީ އެއްވެސް ގޮތަކަށް ބޯހިޔާވަހިކަމެއް ނެތް މީހުންނަށްކަމަށެވެ. އިތުރު ސްކީމްތަކުން ދޭނީ އެއަށްފަހުގައިކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް