ކުރިއަށް އޮތް ތިން އަހަރު މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިއަށްގެންދަވާނެ:ނައިބު ރައީސް

ކުރިއަށް އޮތް ތިން އަހަރަކީ ތަރައްގީގެ މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިއަށްގެންދަވާނެ ތިން އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު‎ އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ  ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި ޕަބްލިކް ސަރވިސް މީޑިޔާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.

ވޭތުވެދިޔަ ދެއަހަރު ކުރިއަށް ގެންދަވާފައިވާ މަސައްކަތްތަކާއި ލިބިވަޑައިގެންފައިވާ ކާމިޔާބީތަކަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަރުކާރާއި ދައުލަތް ހިންގެވުމާއި ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތާއި ގައުމުގެ ހާލަތު އޮތް ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން، ވެރިކަމުގެ ފުރަތަމަ ދެތިން މަހުގެ ތެރޭގައި، އޭރު އޮތް ރައްޔިތުން މަޖިލިހުގެ މެޖޯރިޓީ އޮތީ އިދިކޮޅަށް ކަމަށްވުމުން، ސަރުކާރުން ހިންގަން ބޭނުންވި ތަރައްޤީގެ ގިނަ މަޝްރޫޢުތަކަށް މާލީ ދަތިކުރުންތައް ކުރިމަތިކުރުވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ޤާނޫނީ ގޮތުން އިންތިޚާބުވެފައިވާ ސަރުކާރެއް މަޖިލިހުގެ ތެރެއިން ވައްޓާލުމަށްވެސް މަސައްކަތްކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ގޮންޖެހުންތަކާއި ކުރިމަތިލައްވައި، ދައުލަތް ހިންގުމަށް އޮތް ހިރާސްތައް ގިރާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްކުރެއްވި ދުރުވިސްނުންފުޅު ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރުގެ މައްޗަށް ބިނާވެފައިވާ ޤައުމީ ތަރަައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގޭނޭ ތިން އަހަރުކަމަށެވެ.

ދަތި އުނދަގޫ، ނަމަވެސް އެކަމެއް ކުރުމުގެ ސަބަބުން ގިނަ ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފަސްޖެހިވަޑައިނުގަންނަވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިފަދަ ކަންކަމަކީ ދުރާލާ ރޭވިގެން، މުވައްސަސާތަކަށް ދޭންޖެހޭ ގާނޫނީ ބާރުވެރިކަން ދީގެން، ކުރިއަށް ގެންދެވޭ ކަންކަން ކަމަށެވެ. މީގެ ސަބަބުން، ހެޔޮ ވެރިކަމުގެ ނިޝާންތައް ފެންނަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރާއި ދައުލަތް ހިންގުމުގަައި ރައީސުލްޖުމްހޫރިއްޔާ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި އެމަނިކުފާނު އަތޮޅުތަކުގެ ތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގައިވެސް ހުއްޓަވާނުލައްވައި މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް