އެޗްޑީސީގެ މުވައްޒަފުންގެ ފްލެޓުތައް ހަވާލުކުރަން ފަށައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަޝަން (އެޗްޑީސީ)ގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން ހުޅުމާލެ 1 ގައި ހަދާފައިވާ ފްލެޓުތައް ލިބުނު މީހުންނާ އެ ތަންތަން ހަވާލުކުރަން ރޭ ފަށައިފި އެވެ.

މިކަމަށްޓަކައި ހުޅުމާލޭގެ ރީތިގަސް މަގުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބައެއް ސްޓާފުންނަށް އެޕާޓްމަންޓުތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުއެވެ.

އެޗްޑީސީން ބުނީ، މިރޭ ހަވާލުކުރަން ފެށީ މިހާތަނަށް ނިމުނު ޓަވަރު A އަދި ޓަވަރު B ގައި ތަރައްގީކޮށްފައިވާ 153 އެޕާރޓްމަންޓް ކަމަށެވެ.

އަދި ބާކީ ހަތަރު ޓަވަރުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަަމަށެވެ.

ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރުކޮށްފައިވާއިރު، ޓަވަރުތަކުގައި ކޮމަން އޭރިއާ އާއި ސެކިއުރިޓީ ރޫމްގެ އިތުރުން ކޮންމެ ޓަވަރެއްގައި ކޮމާޝަލް ޔުނިޓުތައް ވެސް ހިމެނޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެ ކުންފުނިން ބުނީ، 54 ކާރު ޕާކިން އަދި 782 ސައިކަލް ޕާކިން ސްލޮޓް ވެސް އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަ ކޮށްފައިވާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް