މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ދީނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބުދޭނަން: ރައީސް

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް، އިސްލާމްދީނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބު ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން މިހެން ވިދާޅުވީ ވެރިކަންކުރާ ޕީއެންސީން ރޭ ބޭއްވި "ދިވެހީންގެރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ އިސްކަންދެއްވީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދެވުމަށްކަަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ އޭގެތެރެއިން އެއް މައްސަލަކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވެން އޮތީ އެކަމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެވިގެންކަމަށާއި، އެގޮތުން އޭގެ ވިޔަފާރިކުރާ މީހުން ހުއްޓުވައިގެން ނޫނީ އެ މައްސަލަ ހައްލުނުވާނޭކަމަށެވެ.

ބުރާސްފަތި ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ކުރިއަށްގެންދިޔަ އޮޕަރޭޝަނަކީ މިހާތަނަށް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދިޔަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށާއި ކުރިއަށް އޮތްތަނުގައި އެ މަސައްކަތް ފުޅާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްވެސް ނުފޫޒެއްގައި ނުޖެހި ދައުލަތުގެ ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކޮށްފިނަމަ ސަރުކާރުން ކުރައްވާ މަސައްކަތްތަކުން ރާއްޖޭން މަސްތުވާތަކެތީގެ ވަބާ އެއްކޮށް ނައްތާލައްވާނެ ކަމަށެވެ.
"ކުދިކުދި އިޖުރާއަތުގައި ޖެހި މި މީހުން މިނިވަން ވުމަކަށް ރައްޔިތުން ނޭދޭ. އެންމެންގެ އިހުލާސްތެރި ވިސްނުން ހުންނަޖެހޭ. މަޖިލީހަށް އަޅުގަނޑުމެން ފޮނުވާފައިވާ، މަސްތުވާތަކެތީގެ ޤާނޫނަށް އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލު، އިސްލާހުވެގެން ނުކުންނައިރު ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް އިސްލާމްދީނުގައި އޮތް އެންމެ މަތީ އަދަބު ދިނުމަށް ކަނޑައަޅާފައި ފާސްކުރާނީ އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެކަމަށާއި، އެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ފަރުވާދީ، އަނބުރާ މުޖުތަމައަށް ނެރުމަށް ބޭނުންފުޅުވާކަމަށް ރައީސް ވިދާޅުވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް