ފުވައްމުލަކު ފެނަކަ ބްރާންޗުން ދޫކުރަމުންދާ ފެން ބުއިމަށް ރައްކާތެރި: އެމްއެފްޑީއޭ

ފުވައްމުލަށް ފެނަކައިގެ ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށ،ް މިހާރު ދޫކުރަމުންދާ ފެނަކީ ބުއިމަށް ރައްކާތެރި އެއްޗެއްކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން ބުނެފި އެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ފެނަކަ ފުވައްމުލައް ބްރާންޗްއިން ދޫކުރަމުންދާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެން ނަގާ ތަހުލީލުކޮށްފައިވާ ކަމަށެވެ.

އަދި މި ތަހުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުން މި ފެނަކީ ޑަބްލިއުއެޗްއޯގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއްކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

ފުވައްމުލަކުގެ ފެނުގެ ވިއުގައަށް މައްސަލައެއް ދިމާވެ ސަޕްލައި ފެނުގެ ހިދުމަތް މެދުކެނޑުނީ މިދިޔަ ހޯމަ ދުވަހުއެވެ. ދިމާވި މައްސަލަ ހައްލުކޮށް ފެން ދޫކުރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ފެނަކައިން ބުނީ ފެން ދޫކުރަން ފަށާފައިވަނީ އެމްއެފްޑީއޭއިން ތަހުލީލުކޮށް، އެ އޮތޯރިޓީގެ ހުއްދަ ލިބުމަށްފަހުގައި ކަމަށެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް