"ނެޝަނަލް ނިއުސް އެޖެންސީ" އިފްތިތާޙުކޮށްފި

ދިވެހި މީޑިއާތަކަށް އެއް ޕްލެޓްފޯމަކުން ކޮންޓެންޓް ލިބޭނެ ޕްލެޓްފޯމެއް ޤާއިމްކުރުމުގެ މަޤުޞަދުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން "ނެޝަނަލް ނިއުސް އެޖެންސީ" (އެންއެންއޭ) ގެ ނަމުގައި އެޖެންސީއެއް އިފްތިތާޙުކޮށްފިއެވެ.

ނެޝަނަލް ނިއުސް އެޖެންސީގެ ލޯގޯ، ވެބްސައިޓް އަދި ކާޑު އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދާއި، ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޝަމްޢާން އަދި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީނެވެ.

އެންއެންއޭ އިފްތިތާޙުކުރުމަށް ފަހު ވަނީ، މި ޕްލެޓްފޯމާއި ފުރަތަމަ ގުޅުނު 20 މީޑިއާއެކު އެއްބަސްވުމުގައި ސޮއިކޮށް، ކާޑު ހަވާލުކޮށްފައެވެ.

މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޝަމްޢާން ވިދާޅުވީ މި ޕްލެޓްފޯމަކީ ދިވެހި ނޫސްވެރިނަށް ވަރަށް ފަހި ފުރުޞަތުތަކެއް ލިބޭ ޕްލެޓްފޯމެއްކަމަށެވެ.

މި ޕްލެޓްފޯމްގައި ޕީއެސްއެމްގެ ވީޑިއޯ ކޮންޓެންޓްތަކާއި ކަވަރުކުރާ އެކިއެކި އިވެންޓްތަކުގެ ވީޑިއޯ/ފޮޓޯ، މީޑިއާތަކުން ބޭނުންކުރުމަށް ފޯރުކޮށްދޭނެކަމަށް ޝަމްއާން ވިދާޅުވިއެވެ. ޕީއެސްއެމްގެ އިތުރުން، އެހެން މީޑިއާތަކުން ނަގާ ކޮންޓެންޓްތައްވެސް މުސްތަޤުބަލުގައި މި ޕްލެޓްފޯމްގައި ޙިއްސާކުރެވޭނެކަމަށް ޝަމްއާން ވިދާޅުވިއެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީން ވިދާޅުވީ ޕްރައިވެޓް މީޑިއާތައް ހަރުދަނާކުރުމަށް ޕީއެސްއެމްއާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ފުޅާކުރާނެކަމަށެވެ. ގިނަ ކޮންޓެންޓްތަކެއް މި ޕްލެޓްފޯމްގައި ހިލޭ ދޫކުރުމަށް ހަމަޖެހިފަވާއިރު، ޕްރިމިއަމް ޕެކޭޖްތައް މެދުވެރިކޮށް ޚާއްސަ ކަންކަމާ ގުޅޭ ވީޑިއޯތައް ލިބޭނެ ޕެކޭޖުތައްވެސް ހިމަނާނެކަމަށް ނަސްރީން ވިދާޅުވިއެވެ.

ނަސްރީން ވިދާޅުވީ، ޕީއެސްއެމްއާއެކު މަސައްކަތްކުރާ ބައިނަލްއަޤްވާމީ މީޑިއާތަކުގެ ކޮންޓެންޓްވެސް، މި ޕްލެޓްފޯމްގައި ދިވެހި މީޑިއާތަކާ ޙިއްސާކުރުމަށް އެކަމާ ގުޅޭ މަޝްވަރާ ކުރަމުންދާކަމަށާއި، ކުރިމަގުގައި ފަންނާ ބެހޭ ވުޒާރާއާއި ޕިއެސްއެމްގެ ދަށުން ހިންގާ މޯލްޑިވް މީޑިއާ އިންސްޓިޓިއުޓް ގުޅިގެން ތަފާތު ތަމްރީން ޕްގްރާމްތައް މީޑީއާތަކަށް ހިންގުމަށްވެސް ވިސްނާ ކަމަށެވެ.

އަދި ބައިނަލްއަޤްވާމީ އެކި މީޑިއާ އިވެންޓްތަކުންވެސް ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށް ނަސްރީން ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް