ނޮވެންބަރު 23 އިން ފެށިގެން އީ-ވިސާގެ ޚިދުމަތަށް އެދި ހުށަހެޅޭނެ: އިމިގްރޭޝަން

އީ-ވިސާގެ ޚިދުމަތަށް އެދި ހުށަހެޅޭނީ މި ހިނގާ ނޮވެންބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ނޮވެންބަރު 10 ގައި ރަސްމީކޮށް ތަޢާރަފްކުރެވިފައިވާ އީ-ވިސާގެ ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މަރުޙަލާއަށް ތައްޔާރުވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، އީ-ވިސާއަށް އެދި ހުށަހެޅޭނީ ނޮވެންބަރު 23 އިން ފެށިގެން ކަމަށެވެ.

އަދި މި މުއްދަތުގެ ތެރޭގައި އީ-ވިސާއަށް އެދި ހުށަހެޅުމަށް ޢަމަލުކުރަންޖެހޭ ގޮތުގެ ތަފްޞީލީ ޓިއުޓޯރިއަލްތައް އިމިގްރޭޝަންގެ އެކި ޕްލެޓްފޯމްތަކުގައި ޝާއިޢުކުރެވިގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

މީގެ އިތުރުން އެ އިދާރާއިން ހާމަކުރާ ގޮތުގައި ނޮވެންބަރު 20 ގެ ނިޔަލަށް، މިހާރުވެސް ޢަމަލުކުރަމުންދާ ގޮތަށް، ވިސާއަށް އެދި ޕާސްޕޯޓު އިމިގްރޭޝަނަށް ހުށަހެޅެނެއެވެ. އަދި ނޮވެންބަރު 23 ގެ ފަހުން، ވިސާ ޖެހިފައިވާ ނަމަވެސް އިމިގްރޭޝަނުން ނުނަގާ ހުރި ޕާސްޕޯޓުތައް ދޫކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެހެންކަމުން ވިސާ ޖެހުމަށްފަހު ނުނަގާ ހުރި ޕާސްޕޯޓުތައް ވީ އެންމެ އަވަސް ފުރުޞަތެއްގައި ނެގުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް