ފަރަށް އެރި ކާށިދޫ ބޯޓުން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ފަރަށް އެރި ކާށިދޫ ބޯޓުން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ކ. ކާށިދޫގައި ދުއްވާ "ފައިސަލާ" ބޯތު، އެ ރަށު ދެކުނު ފަރާތު ފަރަށް އަރާފައިވާ ކަމުގެ މަޢުލޫމާތު ނޮވެންބަރު 11 ވަނަ ދުވަހުގެ 19:52 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި އެ ބޯޓުގައި އެ ވަގުތު ތިބީ ޖުމުލަ 11 ފިރިހެނުންނެވެ. އެއީ ފަސް ދިވެހީންނާއި ހަ ބިދޭސީންނެވެ.

މީގެ ތެރެއިން އެއް ބިދޭސީއަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވާ ކަމަށާއި، އެ މީހާ ފެނިފައިވަނީ ބޯޓު ފަރަށް އެރި ސަރަހައްދު މޫދުން ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހާ ކާށިދޫ ޞިއްޙީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދީފައިވާ ކަމަށާއި، ނިޔާވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގިރް (30 އ) ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ ބޯޓު ފަރަށް އެރުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އެންމެހައި ފަރާތްތަކުން ސަމާލުވުމަށް އަންގައިފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް