މައްކާ ރޫޓުގައި ރާއްޖެ ދާއިމީ ކޮށްފި

ހައްޖު ދަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭ "މައްކާ ރޫޓް އިނީޝިއޭޓިވް"ގައި ރާއްޖެ ދައިމީ ކޮށްފި އެވެ.

މައްކާ ރޫޓް އިނީޝިއޭޓްގެ ސުޕަވައިޒަރީ ކޮމެޓީއާއެކު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މައްކާ ރޫޓުގައި ރާއްޖެ ދާއިމީކުރަން ނިންމާފައިވާކަން އެ ކޮމިޓީން އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. މި ބައްދަލުވުން އޮތީ، މިނިސްޓަރު ޝަހީމް ސަޢުދީއަށް މިހާރު ކުރައްވަވާ ރަސްމީ ދަތުރުގަ އެވެ.

މައްކާ ރޫޓުގައި ރާއްޖެ ދާއިމީކޮށްދެއްވާ، ދިވެހި ހައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަކަމެއް ހޯދައިދެއްވިކަމަށްޓަކައި މިނިސްޓަރު ޝަހީމް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި އެކޮމިޓީގައި ހިމެނޭ ސައުދީގެ ހައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އޭވިއޭޝަނާއި އިމިގްރޭޝަނާއި ދާޚިލީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ދާއިމީ ގޮތެއްގައި މައްކާރޫޓް ރާއްޖެއަށް ހަމަޖެހިގެން ދިއުމަކީ ހައްޖުގެ އަޅުކަމުގެ ދަތުރު ދިވެހިންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމެއް ކަމަށް އިސްލާމިކް މިިނިސްޓްރީން ބުންޏެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގައި ދާއިމީވުމުން، ޖިއްދާ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި، ސީދާ ހޮޓަލަށް ދެވުމުގެ އިތުރުން ހައްޖުވެރިންގެ ލަގެޖް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އަދި، ޖިއްދާ އާއި މަދީނާއަށް ދިޔުމަށް ފުރާ ޓާމިނަލަށް ގޮސް ވަގުތުން ބޯޓަށް އެރޭނެ އެވެ.

މައްކާ ރޫޓުގައި، ސައުދީއަށް އެތެރެވާން ކުރަން ޖެހޭ އެންމެހާ ކަންކަން ރާއްޖޭން ފުރުމުގެ ކުރިން ނިންމާލެވުމުގެ އިތުރުން ބޯޑިން ފާސް ވެސް ވަގުތުން ލިބޭނެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް