މާލެ ސަރަަހައްދުން 7000 ފްލެޓާއި 15،000 ގޯއްޗަށް ހުޅުވާލަނީ

މާލެ ސަރަހައްދުން ދޭން ހަމަޖައްސާފައިވާ 7000 ފްލެޓާއި 15،000 ގޯއްޗަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް ޑރ.މުޚައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، 15،000 ގޯތި ދޭނީ ރަސްމާލެއިން މިހާރު ހިއްކަމުންދާ ބިމުން ކަމަށެވެ.

އަދި، 7000 ފްލެޓަށް ހުޅުވާލާނީ، އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން އިމާރާތްކުރަން ނިންމާފައިވާ 4000 ހައުސިން ޔުނިޓާއި، އޭގެ އިތުރަށް ފަށަން ނިންމާފައިވާ 3000 ހައުސިން ޔުނިޓު މަޝްރޫއުގެ ތެރެއިން ކަމަށެވެ. އެ 3000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަސްތެރޭ ބަޔަކާ ހަވާލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރު ގޮތަކަށް ދަންނަވަންޏާ މާލެ ސަރަހައްދުގައިި ވެސް އަމަލީގޮތުން، ރިއަލިސްޓިކަލީ އަމަލީ މަސައްކަތް ފެށޭނެ ގާތްގަނޑަކަށް 7،000އަށް ވުރެ ގިނަ ހައުސިން ޔުނިޓުގެ މަސައްކަތް އެ ވަނީ ތަރުތީބު ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

ގޯތިތަކާއި ފްލެޓުތަކަށް ކުރިމަތިލާން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި މި ހައުސިން ޔުނިޓުތައް ހާއްސަކުރަނީ، މިހާތަނަށް އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިނުވާ 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން އެންމެ ބޭނުންވާ މީހުންނަށް ކަމަށެވެ. އެގޮތުން ކުރިމަތިލާން ހުޅުވާލާނީ، އާއިލީ ބޯހިޔާވަހިކަމުގެ ކޮންސެޕްޓުގަ ކަމަށް ވިދާޅުވި އެވެ.

އަދި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާ ފްލެޓު ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި، އެކަމަކު މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުުގެ ސަރުކާރުގައި ފްލެޓު ނުދީ އަތުލި މީހުންނަށް ދެން ހުޅުވާލާ 7000 ފްލެޓުން ބައެއް ހާއްސަކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރަސްމާލެއިން މިހާރު ހިއްކާ ބިން ފަސް މަސް ދުވަސްތެރޭ ހިއްކާ ނިމޭނެ ކަމަށާއި، 15،000 ގޯތި ދޫކުރަނީ އެތަނުން ކަމަށް ރައީސް ވިދާޅުވި އެވެ.

"15،000 ގޯތި ދޭނީ އަޅުގަނޑު ވައުދުވެފައިވާ ގޮތަށް މާލޭ ރަށްވެހިންނަށް. މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ފަރާތްތަކަށް، މާލޭ ދަފްތަރުގައި ތިބި ފަރާތްތަކަށް. މި ފަރާތްތައް ހިމެނޭހެން ޖުމްލަކޮށް މާލޭގައި ދިރިއުޅޭ ފަރާތްތަކަށް،" ރައީސް ވިދާޅުވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް