2026 ވެގެންދާނީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނިޒާމަކުން ޚިދުމަތްދެވޭ އަހަރަކަށް: ރައީސް

2026 ވެގެންދާނީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނިޒާމަކުން ޚިދުމަތްދެވޭ އަހަރަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރަނީ ޒިންމާދާރު، އަދުލުވެރި، އިންސާފުވެރި ވެރިކަމެއް ކުރެއްވުމަށް ކަމުގައެވެ.

ސަރުކާރު ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމަކީ އެމަނިކުފާނުގެ މުހިއްމު ސިޔާސަތެއްކަމަށާއި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫއަށް ބޮޑު ބަޖެޓެއް ކަނޑައެޅި ސަބަބަކީ ކޮރަޕްޝަން ނައްތަައިލުމަށް މަގުފަހިކުރެއްވުމާއެކު، ވެރިކަން ހިންގުން ހަރުދަނާކުރެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރުގެ ނިޒާމު ކޮރަޕްޝަނުގެ ތެރެއަށް ޣަރަގުވާން ދޫކޮށްލައިގެން އަދުލުވެރި ވެރިކަމެއް ނުކުރެއްވޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކޮރަޕްޝަން ނައްތައިލަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ.

ސަރުކާރުގެ ހިންގުން ހަރުދަނާކޮށް ވެރިކަމުގެ ނިޒާމަކީ އަދުލުވެރި ނިޒާމެއްކަމުގައި ހެެދުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު އެއް މަސައްކަތަކީ ދެފުށްފެންނަ ގޮތް ހެދުމާއި، ޖަވާބުދާރީވެވޭ މިންވަރު އިތުރުކުރުމާއި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންކަން ބަދަލުކުރުން ކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރަކީ ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތް ކަމުގައިވާ ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ ބޮޑު މަސައްކަތް ފެށިގެންދާނެ އަހަރުކަމުގައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ގިނަަ ފަހަރު ކޮރަޕްޝަނުގެ އަމަލު ހިންގަނީ އެކަން ކުރުމުގެ ބައިވެރިވުމުގެ ފުރުސަތު އޮންނަ ފަރާތްތައް ކަމުގައެވެ. މިސާލެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ހިދުމަތެއް ދިނުމުގައި ރައްޔިތުން ބައްދަލުކުރާ މީހާ އެ ހިދުމަތް ފޯރުކޮށްދިނުމުގެ ތެރެއިން އަމިއްލަ މަންފާއެއް ހޯދުމުގެ ފުރުސަތު އޮންނަ މީހާ ކޮރަޕްޝަން ހިންގާ މިންވަރު ބޮޑު ކަމަށެވެ.

އެ މައްސަލަ ހައްލުކުރުމުގައި ޑިޖިޓަލައިޒޭޝަންގެ ދައުރުގެ މުހިއްމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މޯލްޑިވްސް އިމިގްރޭޝަންގެ ހުރިހާ ހިދުމަތްތައް ޑިޖިޓަލައިޒްކުރެވި، އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިންސާަނުންގެ ދައުރު ވަރަަށް ބޮޑަށް ކުޑަކުރެވި، އެ މަސައްކަތުން ކޮރަޕްޝަނުގެ ތެރެއިން ނާޖައިޒު މަންފާ ހޯދުމަށް އޮތް ޖާގަ އެކީ ނެތިގެންގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ދެވޭ ހިދުމަތަކީ އެންމެ އަވަހަށް އެންމެ އެފިޝިއެންޓުކޮށް ދެވޭ ހިދުމަތަކަށް ހަދަން. މިކަމުގައި މުޅި ދައުލަތް ބައިވެރިވޭ، ޖުޑީޝަރީއާއި މަޖިލީހާއި ބޭންކުތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ބަައިވެރިވޭ. ހުރިހާ އެޖެންސީތަކާއި އިދާރާތައް ބައިވެރިވާ ނެޓްވޯކެއް ގާއިމުކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތަކީ ތިން އަހަރު ދުވަހުން ނިންމާ ގޮތަށް ފަށާ މަސައްކަތެއް ކަމާއި، އަންނަ އަހަރަކީ ފުރަތަމަ އަހަރުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި މަސައްކަތް ނިމޭއިރު ކޮންމެ ދިވެއްސަަކަށް ލިބޭ ޑިޖިޓަލް އައިޑީ މެދުވެރިކޮށް ޑިޖިޓަލް ހިދުމަތްތަކަށް ވާސިލުވެވޭނެ ގޮތް ފަހިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިގޮތަށް ދައުލަތް ހިންގުން ޑިޖިޓަލައިޒްކުރުމުގައި ހުރިހާ ރައްޔިތުން، އަދި ހާއްސަކޮށް ދިވެހި ޒުވާނުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. އަދި ކޮރަޕްޝަނުން ސަލާމަތްވުމަކީ ރައްޔިތުން އެކަމަށް ބޭނުންވެގެން ހިނގާނެ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް