ހުޅުމާލޭ ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

ހުޅުމާލޭ ފޭސް 3ގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް އަލުން ފަށައިފިއެވެ.

ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްލަވާލައްވާފައެވެ.

ރައީސް ވަނީ އެ ސަރަޙައްދަށް ވަޑައިގެން އެ މަޝްރޫއުގެ މަޢުލޫމާތުވެސް އޮޅުން ފިލުވާފައެވެ. ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި އެޗްޑީސީއާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން، ސީއެމްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ބޮސްކާލިސްގެ 22,000 ސީބީއެމްގެ ޑްރެޖަރެއްގެ އެހީގައެވެ.

2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 24 ހެކްޓަރުގެ ބިން ހިއްކާފައެވެ. އެއަށްފަހު އެ މަޝްރޫއު މަޑުޖެހުނީ، ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށެވެ. އެގޮތުން މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ތިންވަނަ ފިޔަވަހިން ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރުތައް އެކަމަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް