އުުފެއްދުންތެރިންގެ ހައްގު މިލުކުކުރެވޭ ޓްރޭޑްމާކް ބިލު ފާސްކޮށްފި

ފަންނުވެރިންގެ ހައްގު ހިމާޔާތްކުރުމަށް މަޖިލީހަށް ހުށަހެޅި "ޓްރޭޑްމާކް ބިލު" ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މަޑުއްވަރި ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި މި ބިލު ދިރާސާކުރި ކޮމިޓީން ހުށަހަޅާފައިވާ ގޮތަށް ފާސްކުރީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ވޯޓުންނެވެ.

މި ބިލަކީ އުފެއްދުންތެރިންނާއި، ފަންނުވެރިންނަށް ރާއްޖޭގައި ފަހި މާހައުލެއް ހޯދާދިނުމަށް ޓްެރޭޑްމާކް ރަޖިސްޓްރީކުރުމާ ގުޅޭ ނިޒާމެއް ގާއިމުކުރުމަށާއި، ޓްރޭޑްމާކުގެ ވެރިފަރާތުގެ ހައްގުތަކުގެ ދާއިރާ ކަނޑައެޅުމަށް ހާއްސަކޮށްފައިވާ ބިލެކެވެ. ޓްރޭޑްމާކުގެ ހައްގަށް އަރައިގަންނަ އަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތަކެއް ވެސް މި ބިލުގައި އެކުލަވާލާފައިވެ އެވެ. އެގޮތުން، ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކެއްގެ ވެރިފަރާތުގެ ހުއްދަނެތި އެ މާކާ އެއްގޮތް ނިޝާނެއް ނުވަތަ އެއްވެސް އުފެއްދުމެއް އެހެން މީހަކު ބޭނުންކުރާނަމަ ބަދަލު ހޯދުމާއި މައްސަލަ ކޯޓަށް ހުށަހެޅުމުގެ ހައްގުވެސް މި ގާނޫނުން ލިބޭނެ އެވެ.

އެކަކުގެ ހިދުމަތެއް ދެވަނަ ފަރާތެއްގެ ހިދުމަތާ ތަފާތުކަން ދައްކަވައިދިނުމަށް ބޭނުންކުރާ ކޮންމެ ނިޝާނަކީ މި ގާނޫނުގެ ދަށުން ޓްރޭޑްމާކެއްގެ ގޮތުގައި ބަލާނެ އެއްޗެކެވެ. ބިލުގައިވާގޮތުން، އެ އުފެއްދުމެއްގެ ޓްރޭޑްމާކުގެ ހައްގު ލިބޭނީ އެ މާކު ރަޖިސްޓްރީކުރުމުންނެވެ. މާކު ރަޖިސްޓްރީކޮށްދޭނީ އެކަމަށް އެދި އެންމެ ފުރަތަމަ ސައްހަ ހުށަހެޅުމެއް ހުށަހަޅާ، އެ އުފެއްދުމުގެ ހައްގު އެންމެ ފުރަތަމަ ސާބިތުކޮށްދެވޭ މީހަކަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް