ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ލިބޭ މުއްދަތު 15 އަހަރަށް ކުރުކޮށްފި

ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަދެވޭ މުއްދަތު 15 އަހަރަށް ކުރުކޮށް، "ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު" ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފި އެވެ.

މި ގާނޫނަށް ފުރަތަމަ އިސްލާހު ގެެނައުމުގެ މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު އެވެ. މިއަދު މި ބިލު ރައީސް ތަސްދީގުކުރެއްވުމާއެކު މިހާރު ވަނީ އަމަލުކުރަން ފަށާފަ އެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލާ، ވަސީލަތްތަކާއި ޤާބިލުކަން ހުރި ފަރާތްތަކަށް ރާއްޖޭގައި ޔުނިވަރސިޓީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގައި ޔުނިވަރސިޓީ ހިންގޭނޭ ޝަރުތުތައް މުރާޖަޢާކޮށް އިޞްލާޙުކުރުމެވެ.

މި އިޞްލާޙާއެކު ރާއްޖޭގައި ހިންގާ ކޮލެޖުތަކުގެ ތެރެއިން މެދުނުކެނޑި 15 އަހަރުވެފައިވާ ތަންތަން ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ޝަރުތުހަމާވާނެ އެވެ. ކުރިން އޮންނަގޮތުން ޔުނިވާސިޓީގެ ދަރަޖަ ލިބެނީ 20 އަހަރުވެފައިވާ ކޮލެޖުތަކަށެވެ. ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު، އެ ކޮލެޖެއްގައި ހަަމަވާންޖެހޭ ޝަރުތުކަށް މި އިސްލާހުގައި ގިނަ ލުއިތަކެއް ދީފައިވެ އެވެ.

އެ ޝަރުތުތަަކަކީ:

  • ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި 9 ގެ، މަދުވެގެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ޕްރޮގްރާމްތައް ނުވަތަ ބޭރުގެ ޔުނިވަރސިޓީއެއްގެ ޕްރޮގްރާމްތައް ހިންގަމުން ގެންދިޔުން
  • އެ ކޮލެޖެއްގައި ހިންގާ ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1000  ދަރިވަރުން ކިޔަވަމުން ގެންދިޔުން
  • ބައިނަލްއަޤްވާމީ ޔުނިވަރސިޓީ ރޭޓިންގއެއް ނުވަތަ ރޭންކިންގއެއްގައި ބައިވެރިވެ ރޭޓުކުރެވި ނުވަތަ ރޭންކުކުރެވިފައިވާ ކޮލެޖަކަށްވުން
  • ބައިނަލްއަޤްވާމީ ޔުވަނިވަރސިޓީތައް ބައިވެރިވާ ޖަމާޢަތެއްގެ މެންބަރެއްގެ ގޮތުގައާއި، ބައިނަލްއަޤްވާމީ ކޮލިޓީ އެޝުއަރަންސް ޖަމާޢަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރުދުވަސް ހޭދަކޮށްފައިވުން
  • ބައިނަލްއަޤްވާމީ ފެންވަރުގެ ރިސާރޗް މަސައްކަތްތައް، ބޭރުގެ ޔުނިވަރސިޓީތަކާއި، ޖަމާޢަތްތަކާއެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވުން
  • އެ ކޮލެޖެއްގެ އެކަޑެމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑެމިކް މުވައްޒަފުންގެ މަދުވެގެން %10  އަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުން
  • އެ ކޮލެޖެއްގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވަރސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ޤާއިމުކުރެވިފައިވުން

މިހާރު ރާއްޖޭގައި ހިންގަނީ ސަރުކާރުގެ ދެ ޔުނިވަސިޓީ އެކެވެ. އެއީ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް