ހަނިމާދޫ އެއާޕޯޓް ހުޅުވުން މިރޭ، މޯދީގެ ޚާއްޞަ މަންދޫބެއް ބައިވެރިވަޑައިގަންނަވާނެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މިރޭ ރަސްމީކޮށް ހުޅުވަން ނިންމައިފިއެވެ.

މިކަމަށްޓަކައި ހަނިމާދޫގައި ބާއްވާ ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

މޯދީގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ ވެސް މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ. މިއީމިރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވުމަށް ވަޑައިގެންނެވި ބޭފުޅެއްކަމަށް މިނިސްޓްރީން ހާމަނުކުރެއްވިޔަސް ރަސްމިއްޔާތުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރ ބައިވެރިވަޑައިގަންނަވާނެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެ ޚާއްޞަ މަންދޫނެއްގެ ގޮތުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ ފޮރިން މިނިސްޓަރ އަބުދުﷲ ޚަލީލްއެވެ.


މިރޭގެ ރަސްމިއްޔާތަށް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފުރަތަމަ ފަހަރަށް އޭ-320 މަރުކާޒުގެ މަތިންދާ ބޯޓެއް ޖައްސާނެއެވެ. މިއީ 150 މީހުންގެ ޖާގައިގެ ނެރޯ ބޯޑީ ފްލައިޓެކެވެ. އޭ-320 ޖައްސަން ފަށަނީ، ރަންވޭ ބޮޑުކޮށް ގެނެސްފަވާ ބަދަލުތަކާއެކުއެވެ.

މި ރަސްމިއްޔާތު އޮންނަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ސަރަޙައްދުގައެވެ.

ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް