މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސް އަލުން އިއާދަކުރައްވައިފި

ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނަވަނިކޮށް، އެ މަޤާމުން ވަކިކުރެއްވި މަހްމޫދު ރިޔާޒުގެ ވަޒީފާ އަލުން އިޢާދަކުރައްވައިފިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނަވަނިކޮށް، މަހްމޫދު ރިޔާޒު އެ މަޤާމުން ވަކިކޮށްފައިވަނީ މިދިޔަމަހުގެ 29 ވަނަ ދުވަހުއެެވެ.

އޭނާ މަޤާމުން ވަކިކުރެއްވީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރި ސިނގިރޭޓް ކާޓޫންތަކެއް ގަވާއިދާއި ހިލާފަށް އެތެރެކުރި މައްސަލައަކާއި، ސިނގިރޭޓް ކާޓުންތަކެއް ބޮންޑެޑްވެއާރ ހައުސްއިން ގަވާއިދާއި ހިލާފަށް ބޭރުކުރި މައްސަލައަކާއި ގުޅިގެނެވެ.

ނަމަވެސް އެ ކޮމިޓީން އެކަމާއި ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި މަހްމޫދު ރިޔާޒުގެ ސީދާ ބައިވެރިވުމެއް އެ މައްސަލަތަކުގައި ނެތްކަމަށް ނިންމަވާފައެވެ.

އަދި އޭނާގެ ވަޒީފާ އަލުން އިޢާދަކުރެއްވުމަށް އެ ކޮމިޓީން ވަނީ ރައީސް ޑރ. މުއިއްޒުއަށް ލަފާ އަރުއްވާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށްގެންދިޔަ ތަހުގީގަކާއި ގުޅިގެން މަގާމުން ވަކިކުރެއްވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަހްމޫދު ރިޔާޒުގެ މައްސަލަ އެކޮމިޓީން އިތުރަށް ތަހުގީގުކުރެއްވުމަށްފަހު އެ މައްސަލާގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ނިންމައި، އޭނާގެ ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސަށް ލަފާ އަރުވާފައިވާތީ މަހުމޫދު ރިޔާޒުގެ ވަޒީފާ އަލުން އިއާދަކުރައްވާފައިވާކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް