55 ކައުންސިލް އިމާރާތުގެ މަސައްކަތް މޮނިޓަރކުރުމަށް ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން: އާދަމް ޝަރީފް

55 ކައުންސިލް އިމާރާތުގެ މަސައްކަތް މޮނިޓަރކުރުމަށް ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.


މިގޮތުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ އަމަލީ މަސައްކަތް ގިނަ ރަށްރަށުގައި ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ.

އަދި މި މަސައްކަތް ގާތުން މޮނިޓަރ ކުރުމަށްޓަކައި ރަށުގެ އެކި ފަރާތްތައް ހިމެނޭގޮތުން އެކުލަވާލެވޭ ކޮމިޓީގެ ބޭނުންތެރިކަން ފެންނަމުންދާ ކަމަށާއި، ރަށު ކައުންސިލް މެދުވެރިކޮށް ކޮމިޓީ އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމުގައިވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ކައުންސިލް އިދާރާގެ އުމްރާނީ މަސައްކަތާބެހޭގޮތުން ބަލަންޖެހޭ ކަންކަމާއި ހައްލު ކުރަންޖެހޭ ކަންކަމާބެހޭގޮތުން 9108899 އަށް ގުޅުއްވުމުން ހައްލު ހޯދުމަށް އެހީތެރިވެދެވޭނެ"، އެ ޕޯސްޓުގައި ވަޒީރު ވިދާޅުވެފައިވެއެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް ޢިމާރާތްކުރުމުގެ މަޝްރޫޢު ސަރުކާރުން ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ) އާއެވެ. މި މަޝްރޫޢުގެ ދަށުން އެއް އަހަރުގެ ތެރޭގައި 55 ކައުންސިލް ނިންމާނެ ކަމަށާއި، މި މަޝްރޫޢުގައި ކައުންސިލަށް ބޭނުންވާ ފަރުނީޗަރާއި ވަށާފާރު ހިމެނޭނެ ކަމަށްވެސް އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް