14 ނޮވެމްބަރު ޖަލްސާއިން ރައީސަށް އޮތް ތާއީދު މުޅި ރާއްޖެއަށް ފެންނާނެ: އަބްދުއްރަހީމް

މިމަހުގެ 14ވަނަ ދުވަހުގެ ރޭ ބާއްވާ ޖަލްސާއަކީ ރައީސް ޑރ.މުޚައްމަދު މުޢިއްޒަށް އޮތް ތާއީދު ހާމަކޮށްދިނުމަށް ބާއްވާ ޖަލްސާއެއް ކަމަށާއި ރައްޔިތުން ތިބީ ކޮން ލީޑަރަކާއިއެކު ކަން އަދި ކޮން ފިކުރަކާއެކުކަން އެ ޖަލްސާއިން ފެންނާނެ ކަަމަށް ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ރާއްޖެ" ނަމުގައި އެރޭ ބާއްވާ ޖަލްސާއަށް އަށް މާލެ ހިމެނޭހެން ރަށްރަށުގެ މީހުންނަށް ދަތުވަތު ދިނުމުގެ ހާއްސަ ހަރަކާތެއް މިއަދު ހެނދުނު ވަނީ ފަށާފަ އެވެ.

މި ހަރަކާތުގައި މީޑިއާތަކާއި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ވަރަށް ބާރަށް ފެށިފައިވާ ކަމަށާއި ރާއްޖޭގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުތައް މިދިޔަ ހަފްތާގައި ނިންމާލިއިރު،  ހުރިހާ ރަށެއްގައި މަޝްރޫއުތައް ފެށިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތާރީހުގައި ވެސް އަމިއްލަ ކުންފުނިތަކަށް ތަރައްގީގެ މަޝްރޫއުތައް އެއް ދުވަހެއްތެރޭ ހަވާލުކުރީ ވެސް މިވެރިކަމުގައި ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން، ރައްޔިތުން މި ޖަލްސާއަށް އަންނަނީ އެއްޗެއް ނޭނގިގެން ނޫން ކަމަށާއި، ރައްޔިތުން އަންނަނީ އެކަންކަން ފެނި، ވެރިކަމުގެ މިސްރާބު ދަނީ ރަނގަޅުކަމަށް ގަބޫލުކުރެވޭތީ، އުފާވެރި މުސްތަގުބޮލަކަށް އުންމީދުކޮށްގެން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވާދަވެރި އިދިކޮޅު ޕާޓީތައް ދައްކާ އަސްލެއް ނެތް ވާހަކަތައް ގަބޫލުނުުކުރާކަން ސާބިތުކޮށްދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އެރޭ ފެންނާނެ ރާއްޖެ އޮތްގޮތް. ރާއްޖެ އޮތީ ކޮން ފިކުރެއްގަ ކަން، ކޮން ލީޑަރަކާއެކު ކަން. ކުރިއަށް އޮތް މުސްތަގުބޮލުގެ ވާހަކަ ދައްކަން މިއީ އެންމެ މުހިންމު ވަގުތުކަމަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. އެއީ މުސްތަގުބޮލު އޮތްގޮތް ވަރަށް ސާފުކޮށް އެބަފެނޭ،" ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް