ފަތުރުވެރިކަން ހަރުދަނާކުރުމަށް ބްރިޓިޝް އެއާވޭސް އާއެކު މަޝްވަރާކޮށްފި

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމާއި، ބްރިޓިޝް އެއާވޭސްއިން ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނަށް ލިބޭ ތަޖުރިބާ ރަނގަޅުކުރުމުގެ މަގުތައް ހޯދުމަށް، ވޯލްޑް ޓްރެވަލް މާކެޓް 2025 ގައި ބްރިޓިޝް އެއާވޭސްގެ އިސްވެރިންނާ އެކު މަޝްވަރާކުރައްވައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ދެފަރާތުން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި، އިތުރު ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުން ބޭއްވުނީ، ކޮންމެ އަހަރަކު ލަންޑަންގައި ބާއްވަމުންދާ ދުނިޔޭގެ އެންމެ ބޮޑު އެއް ފަތުރުވެރިކަމުގެ މައުރަޒު ކަމަށްވާ ޑަބްލިއުޓީއެމްގެ ތެރެއިންނެވެ. ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހިމް އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ އިސް ބޭފުޅުންނެވެ.

ބްރިޓިޝް އެއާވޭސްއަކީ ޔޫރަޕްގެ މުހިންމު ބާޒާރަކުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ގެނެސްދޭ އެއާލައިނެކެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ދެގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ރާއްޖެއަށް އައުމުގައި ލުއިފަސޭހަ ގޮތްތައް ހޯދުމާއި، ރާއްޖޭގެ ރީތިކަމާއި ތަފާތުކަން ދުނިޔެއަށް އިޝްތިހާރުކުރުން ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

އަދި ހާއްސަކޮށް، ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ހަރުދަނާކޮށް، ފަތުރުވެރިންނަށް ރާއްޖެއަށް ކުރާ ދަތުރުގެ ތަޖުރިބާ، ފުރުމުން ފެށިގެން އެނބުރި ގައުމަށް ދިއުމާ ހަމައަށް، ހަމަޖެހޭ އަދި ފަސޭހަ ތަޖުރިބާއަކަށް ހެދުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް