100އަށްވުރެ ގިނަ މަސައްކަތްތެރިންގެ ހުނަރު ދައްކާލާ ވަރަ އެކްސްޕޯ ފަށައިފި

މަސައްކަތްތެރިންގެ ހުނަރު ދައްކާލުމަށް ް100އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ "ވަރަ އެކްސްޕޯ2025" މިއަދު ފަށައިފި އެވެ.

މި އެކްސްޕޯ އިފްތިތާހުކޮށްދެއްވީ، އެ ކަމަށްޓަކައި މިއަދު ހަވީރު، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި އެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯގައި، ތަޢުލީމާއި، ތަމްރީނާއި، ހުނަރާ ގުޅުންހުރި މުއައްސަސާތަކާއި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭހެން 166 އެގްޒިބިޓަރުން ބައިވެރިވެ އެވެ. އަދި މި އެކްސްޕޯ މެދުވެރިކޮށް، ވަޒީފާ އާއި ދަސްވާރުކަމުގެ ފުރުޞަތުތައް ވަނީ ހުޅުވާލެވިފަ އެވެ. މީގެ އިތުރުން، ވަޒީފާގެ ބާޒާރާއި، ތަޢުލީމާއި، ތަމްރީނާ ގުޅުންހުރި މަސައްކަތުބައްދަލުވުންތަކާއި ޕެނަލް ޑިސްކަޝަންތައްވެސް މި އެކްސްޕޯގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ، ވޭތުވެ ދިޔަ ދެ އަހަރު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން ކުރައްވާފައިވާ ކާމިޔާބު މަސައްކަތްތައް ދައްކުވައިދޭ ޚާއްޞަ ފޮތް، "ކުރިމަގަށް ތައްޔާރު ދިވެހިރާއްޖެ- ތަޢުލީމާއި ތަމްރީނުގެ އާ ޒަމާނެއް" ނެރެދެއްވާފަ އެވެ. އެޔަށްފަހު އެކަމަނާ ވަނީ ވަރަ އެކްސްޕޯ ބައްލަވާލައްވާފަ އެވެ. އަރިހުގައި، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި ޢިއްޒަތްތެރީން ވަޑައިގެންނެވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް