ހުޅުދޫ، މީދޫ އިދާރީގޮތުން ވަކިކުރުމަކީ ދެރަށުގެ ތަރައްގީގެ ފެށުން: ރައީސް

އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ އިދާރީގޮތުން ވަކިކުރުމަކީ ދެ ރަށުގެ ތަރައްގީގެ ފެށުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އިދާރީ ގޮތުން ހިންގުމުގެ ނިޒާމުގެ ތެރެއިން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ނިކަމެތިކަމާއި ބާކީކުރުމަށް ނިމުމެއް ގެނައުމަށް ގިނަ ރައްޔިތުން އެދުމުގެ މަތިން އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ވަޢުދުވެވަޑައިގެންނެވި ކަމަށެވެ.

އެ ވަޢުދުފުޅާ އެއްގޮތަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާއެކު ދެ ރަށް އައްޑޫސިޓީން އިދާރީގޮތުން ވަކިކުރައްވާފައިވާއިރު މިއީ ދެ ރަށުގެ ތަރައްގީގެ ފެށުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށުގެ ތަރައްގީގައި އެންމެ މުހިންމު ކަމަކީ އަސާސީ މުނިސިޕަލް ހިދުމަތްތަކާއި ރަށްވެހިކަމުގެ ހިދުމަތްތައް ރައްޔިތުންގެ ގާތުން ރައްޔިތުން ބޭނުންވާ ގޮތަށް ފަހިވެގެން ދިއުން ކަމަށެވެ އެކަން ހާސިލްވެގެންދާނެ މަގު މިހާރު ހަމަޖެހިފައިވާ ކަމަށާއި އަންނަ އަހަރު އިންތިހާބު ކުރެވޭ އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ކައުންސިލާއެކު ރައްޔިތުން އެދޭގޮތަށް އެ ޚިދުމަތްތައް ދޭން ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުދޫ އާއި މީދޫގެ ތަރައްގީއަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމަށާއި އަހަރުތަކެއްވަންދެން ބާކީ ކޮށްފައި ތިބި ބަޔަކަށް އިސްކަން ދިނުމަކީ ތަފާތު ކުރުމެއް ނޫން ކަމަށާއި އެއީ އެންމެން ހަމަހަމަކުރުމުގެ ސިޔާސަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުދޫ އަދި މީދޫއަށް ބޭނުންވާ ޚިދުމަތްތައް ގާއިމުކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

އެގޮތުން، ދެ ރަށުގައި މުނިސިޕަލް ޚިދުމަތް ދޭން ބޭނުންވާ ޖާގަ މިހާރު ހުރި އިމާރާތްތަކުގައި ހުރި ޖާގައިގެ އިތުރަށް ޖާގަ އިތުރުކުރަންޖެހޭ ނަމަ އެކަން ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް