ހުޅުމީދޫ - ހިތަދޫ ގުޅާލައި ބުރިޖުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

އައްޑޫ ސިޓީ އަތޮޅު ހުޅުދޫ، މީދޫ އަދި ހިތަދޫ ގުޅާލައި ބުރިޖުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުދޫ އަދި މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރައްޔިތުންނަށް ވަޢުދުވެފައިވާ ކަންކަން އަމާނާތްތެރިކަމާއެކު އެ ކަމެއް ކޮށްދިނުމަށް އެމަނިކުފާނު ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. އަދި ރައްޔިތުން އެދޭ ގޮތަށް ތަރައްޤީގެ މަޝްރޫއުތައް ވަރަށް ހަލުވިކަމާއެކު ކުރިއަށް ގެންގޮސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމާޒަކީ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު މަޝްރޫޢުތައް ވެސް ހަލުވިކަމާއެކު ކުރިއަށްގެންދިޔުން ކަމަށެވެ.

އެގޮތުން ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް، 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އައްޑޫ އަތޮޅު ހުޅުދޫ، މީދޫ އަދި ހިތަދޫ ގުޅާލައި ބުރިޖުގެ މަސައްކަތަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން މި މަސައްކަތުގެ ފީޒިބިލިޓީ ސްޓަޑީއާއެކު ޑިޒައިނެއް ހެދުމަށް ޗައިނާގެ ކުންފުންޏަކާ މިހާރު ހަވާލުކޮށްފައިވާކަމަށާއި ޑިޒައިންގެ މަސައްކަތް ނިމުމާއެކު ޢަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑިޒައިނިންގެ މަސައްކަތް ހަވާލުކުރީ 6 މަސް ދުވަހުން ނިންމާ ގޮތަށް ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ މާރޗް ނުވަތަ އޭޕްރީލް ހިސާބުގައި އެ މަސައްކަތް ނިމުމުން ބުރިޖުގެ ޢަމަލީ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކުރައްވާނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް