ފުވައްމުލަކުގައި ސިޓީ ހޮޓަލަކާއި އިތުރު 9 މަޝްރޫއެއް ހިންގަން ހަވާލުކޮށްފި

ފުވައްމުލަކުގައި ޓޫރިސްޓު ހޮޓަލެއް ހެދުމަށާއި މި ރަށުގައި އިކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަށް އެމްއޭސީއެލްއާ އެކު އެއްބަސްވުމެއްގައި  ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ އެރަށު ސްކޫލުގައި ބޭއްވި ޖަލްސާގަ އެވެ.

އެމްްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ނަޝާތު ރަޝީދެވެ.

ފުވައްމުލަކުގައި ހިންގަން ނިންމާފައިވާ އިތުރު 9 މަޝްރޫއުތަކުގެ އެއްބަސްވުމުގައި ވެސް ރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކޮށްފަ އެވެ.

އިސްލާމީ މަރުކަޒަކާއި ސިޓީ ހޮޓަލެއް ހިމެނޭގޮތަށް ޏ.ފުވައްމުލަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޢުމްރާނީ ތަރައްޤީގެ 10 މަޝްރޫޢެއްގެ މަސައްކަތް އެކި ކުންފުނިތަކާ ޙަވާލުކޮށްފިއެވެ.

މި ރަސްމިއްޔާތުގައި ފުވައްމަލު ސިޓީގައި އިސްލާމިކް ސެންޓަރެއް ޤާއިމްކުރުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ޙަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަމީނު މުޙައްމަދެވެ.

ހަމައެއާއެކު، ފުވައްމުލަކު ސްކޫލުގައި 16 ކްލާސްރޫމާއި ލެބް ޤާއިމްކުރުމުގެ މަޝްރޫޢާއި ފުވައްމުލަކު ސިޓީގައި އޮފީސް ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމުގެ މަޝްރޫޢާއި، އެރަށުގައި ސްކޭޓް ޕާކެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން ފުވައްމުލަކު ސިޓީ މަގުހެދުމުގެ މަޝްރޫޢުގެ ފޭސް 3ގެ މަސައްކަތް ކުރުމަށް ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ.

ފުވައްމުލަކު ސިޓީގައި ބިނާކުރާ ޔޫތް ތަރޑް ސްޕޭސް ތަރައްޤީކުރުމަށް ސެންޓަރ ލޭންޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، ފުވައްމުލަކުގައި އައު ބަނަދަރެއް ތަރައްޤީކުރުމަށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާވަނީ ޙަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. އަދި ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިމްރާހީމް ޒަމީރެވެ.

ހަމައެޢާއެކު، ފުވައްމުލަކު ސިޓީގައި 75 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ގްލަޓް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރަތްކުރުމާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބެވެ. އަދި ގަލްޓް އިންވެސްޓްމަންޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޗެއަރމަން ނާފިޢު އަބްދުއްރަހީމެވެ.

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކާއި އައްޑޫ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށުގެ ތަރައްޤީއަށް ބޭނުންވާ ޢުމްރާނީ ގިނަ މަޝްރޫޢުތައް އަންނަނީ އެކި ކުންފުނިތަކާ ހަވާޅުކުރަމުންނެވެ.

އެމަނިކުފާނު މިއަދު އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް