ސެކަންޑް ވަރލްޑް ސަމިޓް ފޯރ ސޯޝަލް ޑިވެލޮޕްމަންޓްގައި ބައިވެރިވަޑައިގަތުމަށް ނައިބު ރައީސް ދޯހާއަށް

ޤަތަރުގެ ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ، "ސެކަންޑް ވަރލްޑް ސަމިޓް ފޯރ ސޯޝަލް ޑިވެލޮޕްމަންޓް" ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފު، ދޯހާއަށް ވަޑައިގެންފިއެވެ.

މި ސަމިޓްގައި ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގެން އިޖްތިމާޢީ ތަރައްގީ ކުރިއެރުވުމާއި، ފަޤީރުކަން ނައްތާލުމާއި، ވަޒީފާގެ ބާޒާރު ހަރުދަނާކުރުމާ، ޝާމިލް މުޖްތަމައެއް ބިނާކުރުމާބެހޭގޮތުން، މަތީފެންވަރުގެ މަޝްވަރާތަކެއް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މި މަޝްވަރާތައް ކުރިޔަށްދާނީ 2030 ވަނަ އަހަރާ ހަމަޔަށް ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅުވައިގެންނެވެ.

އދ.ގެ އާންމު މަޖިލީހުން ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން މިއަހަރުގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 4 ން 6 ށް ޤަތަރުގެ ދޯހާގައެވެ. އެންމެފަހުން ބޭއްވި ވަރލްޑް ސަމިޓް ފޯރ ސޯޝަލް ޑިވެލޮޕްމަންޓް ބާއްވާފައިވަނީ 1995ވަނަ އަހަރު ޑެންމާރކުގެ ކޯޕަންހޭގަންގައެވެ.

މި ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެން، ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް