ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން މިލިޓަރީ ޑިސްޕްލޭއެއް ހުށަހަޅައިދީފި

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން "މިލިޓަރީ ޑިސްޕްލޭ"އެއް ހުށަހަޅައިދީފިއެވެ.

ޖުމުހޫރީ މައިދާނުގައި މިއަދު ބޭއްވި މި ޑިސްޕްލޭ ހުށަހެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. \

ޑިސްޕްލޭ ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން، އިސްތިގުބާލު ކުރެއްވީ ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މި ޑިސްޕްލޭގައި ވަނީ، ދިވެހިރާއްޖެއަށް ކުރިމަތިވާ ނިރުބަވެރި ހަމަލާއަކާ ދެކޮޅަށް އެއްގަމާއި ކަނޑާއި ވައި ބޭނުންކޮށްގެން ޤައުމީ ދިފާޢީ ބާރުގެ ތިން އެލީޓް އެލެމެންޓްކަމުގައިވާ ސްޕެޝަލް ފޯސަސް (އެސްއެފް) އާއި، ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕް (އެސްއޯޖީ) އަދި ސްޕެޝަލް ބޯޓް ސްކޮޑްރަން (އެސްބީއެސް) ގެ ސިފައިން ހިންގާ ޖޮއިންޓް އޮޕަރޭޝަނެއްގައި، ޤާބިލުކަމާއި ކުޅަދާނަކަމާއެކު ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދީފައެވެ.

މި ޑިސްޕްލޭގައި ފެނިގެންދިޔަ ކޯސްޓްގާޑް ޝިޕް ދަރުމަވަންތައަކީ ތުރުކީވިލާތުގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބިފައިވާ "ޑޯގަން" ކްލާހުގެ 60 މީޓަރުގެ މަނަވަރެވެ. ޒަމާނީ ބަރު ހަތިޔާރާ އެކު ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ބާރުގެ އަރުމާދަށް މިހާތަނަށް ގެނައި އެންމެ ބޮޑު މަނަވަރުގައި، ވެޕަން މެނޭޖްމެންޓް ސިސްޓަމްތަކާއި، ފަޔަރ ކޮންޓްރޯލް ރާޑަރާ އެކު އިންޓެގްރޭޓް ކުރެވިފައިވާ އަދި ޒަމާނީ އެހެނިހެން ވަސީލަތްތައް ހުރީ ގާއިމުކުރެވިފައެވެ.

ހަމައެއާ އެކު، ޑިސްޕްލޭގައި ފެނިގެންދިޔަ އިންޓަރސެޕްޓް ބޯޓަކީ، ކޯސްޓްގާޑް ހާބަރ ކްރާފްޓް ފްލީޓް އައުކޮށްދެއްވުމަށް ނިންމަވައި ރައީސް ޑރ. މުޢިއްޒު، އަލަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޚިދުމަތަށް ނެރެދެއްވާ އިންޓަރސެޕްޓަރ ބޯޓުގެ ތެރެއިން އެއް ބޯޓެވެ.

ޑިސްޕްލޭގައި ފެނިގެންދިޔަ އަރމަޑް ވެހިކަލްތަކަކީ ދިވެހި އަސްކަރިއްޔާގެ އެއްގަމު ބާރު ކަމުގައިވާ އެމްއެންޑީއެފް މެރިން ކޯރގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް އެކުވެރި ޢަރަބި ޢިމާރާތުން ހޯދާފައިވާ އަރމަޑް ވެހިކަލްތަކުގެ ތެރެއިން ބައެއް ވެހިކަލްތަކެވެ. ޔޫއޭއީގެ އެޖް ގްރޫޕުން އުފައްދާފައިވާ "އަޖްބާން" ސީރީސްގެ މި އަރމަޑް ވެހިކަލްތަކަކީ ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ، ހަރުމަގުތަކުގައާއި ފަސްމަޑު ގޮނޑުދޮށްތަކުގައި އަދި ތިލަ ފަޅުތަކުގައި ވެސް ދުއްވޭގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. އަދި މި އުޅަނދަކީ ރިމޯޓު ވެޕަންސް ސިސްޓަމްތައް ޤާއިމުކޮށްފައިވާ އެންމެ ޒަމާނީ އުޅަނދެކެވެ.

އެމްއެންޑީއެފްގެ މި ޑިސްޕްލޭއަށް، އާންމުންނާއި ކުޑަކުދީންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް