ސިފައިންގެ ނުވަތަ ފުލުހުންގެ ޔުނީފޯމުގައި ނޫނަސް ގައުމަށްޓަކައި ގުރުބާން ވެވޭނެ: ރައީސް

ގައުމަށްޓަކައި ޤުރުބާންވުމަކީ ހަމައެކަނި ސަލާމަތީ ހިދުމަތްތަކުގެ ޔުނީފޯމުގައި ކުރެވެން އޮންނަ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ، ކުރީގައި ގައުމުތަކުގެ މިނިވަންކަން ގެއްލުވާލައި އަޅުވެތިކުރަން އަންނަނީ ހަތިޔާރު ހިފައިގެން ކުރިމަތިލުމަށް ކަމަށެވެ. އެކަމަކު މިހާރު ގައުމުތަކުގެ މިނިވަންކަން ނިގުޅުގަތުމުގައި ހަރަކާތްތެރިވަނީ އެގޮތަކަށް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.  ޓެކޮނަލަޖީގެ މި ޒަމާނުގައި ގާފިލުވެގެން ތިއްބައި މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު މައިގަނޑު ގޮތެއްގައި ދަންނަވާލަން ބޭނުންވާ އެއް ވާހަކައަކީ ގައުމަށްޓަކައި ގުރުބާންވުމަކީ ހަމައެކަނި ސިފައިންގެ ނުވަތަ ފުލުހުންގެ ޔުނީފޯމު އަޅައިގެން ކުރެވެން އޮތް ކަމެއް ނޫން، މިއަދު މިއޮތީ ބަވަނަވެފައިވާ ދުނިޔެއެއް،" ރައީސް ވިދާޅުވި އެވެ.

ދިވެހީންގެ އަތުގައި އޮތީ އެހެން އެއްވެސް ގައުމެއްގައި ނެތް ހާއްސަ ސިފަތަކަކާއި، އެއްބައިވަންތަކަމެއް ކަމަށާއި، އެ މިނިވަންކަން ގެއްލުވާލަން ކޮންމެހެން ކަނޑި އާއި ބަނޑި ބޭނުން ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން އިގްތިސޯދު ބޮޑު އަނދަވަޅަކަށް ވައްޓާލައި، އަތުގައި އޮތް މިނިވަންކަން ވެސް ނިގުޅައިގަތުމަކީ ދާދި ފަސޭހަކަމެއް ކަން ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކޮންމެ މީހަކަށް ސިފައިންގެ ތަމްރީނުތައްދީ ހަތިޔާރެއް ނުދެވޭނެ ކަމަށާއި އެކަމަކު ކޮންމެ މީހަކު އަތުގައި ވެސް މާތްﷲ ދެއްވާފައިވާ ވަރަށް ބާރުގަދަ ހަތިޔާރެއް އެބައޮތް ކަމަށް ވިދާޅުވި އެވެ. އެއީ ވިސްނުންކަމަށާއި އެ ވިސްނުން، ގައުމާ އެއްކޮޅަށް ބޭނުންކުރަން އަޒުމު ކަނޑައަޅާފައިވާ ހިދަކު މި ގައުމާމެދު ކަންބޮޑުވާކަށް ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ފަހުރެއް އަދި ޒިންމާއެއް ކަމުގައި ދެކިވަޑައިގަންނަވާށޭ ތިމަންނަގެ ފުށުން ވެސް ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމަޔާތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވެން އޮތް ކަމާއި އެކަން ކުރެވޭނެ ކަމާއި ކުރަންޖެހޭނެކަން،" ރައީސް ވިދާޅުވި އެވެ.

އޭރުވެސް ގައުމުގެ މިނިވަންކަން ނަގާލީ ކޮންމެ ފަހަރަކު ވެސް ބޭރުގެ ކޮންމެ ވެސް ބަޔަކާއި ދިވެހިން ބައިވެރިވެގެން ކަމަށާއި މިއަދު ވެސް އެކަން ކުރާނީ އެހެން ކަމަށް ރައީސް ވިދާޅުވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް