ނޮވެމްބަރު 3ގެ ޝަރަފުގެ އައްޑަނަ ރައީސް މައުމޫނަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް، 3 ނޮވެންބަރުގެ ހާއްސަ ޝަރަފުގެ އައްޑަނަ ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުވައިފި އެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއަށް 37 އަހަރު ފަހުން، މި ޝަރަފު މައުމޫނަށް އަރުވާފައިވަނީ މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގަ އެވެ.

މި އައްޑަނަ އެރުވީ އެ ދުވަހުގެ ހަމަލާ ނާކާމިޔާބު ކޮށްލެއްވުމަށްޓަކައި ވެރިކަމުގައި ހުންނަވައިގެން މައުމޫން ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމަށެވެ. ރާއްޖޭގެ ސަލާމަތާއި މިނިވަންކަމަށް ވަރަށް ބޮޑު ލޮޅުމެއް އަރާފައިވާ ދަނޑިވަޅެއްގައި މައުމޫން އެ ދުވަހު ދެއްކެވި ސާބިތުކަމާއި ރައްޔިތުންގެ ހައްގުގައި އެޅުއްވި ދުރު ވިސްނުފުންޅުގެ ފިޔަވަޅުތަކަކީ ތައުރީފު ހައްގު މަސައްކަތެއް ކަމަށް މިއަދުގެ ޖަލްސާގައި ބުންޏެވެ.

އަދި، އެ ހަމަލާއަށް 37 އަހަރު ފަހުން މި އަގުހުރި މަސައްކަތްޕުޅު ފާހަގަކޮށް، މިފަދަ ޝަރަފެއް އެރުވޭކަމީ ރައީސް މުއިއްޒު އެމަނިކުފާނުގެ އެ މަސައްކަތްޕުޅުގެ އަގު ވަޒަންކުރައްވާ ކަމުގެ އަލިގަދަ ހެއްކެއްކަމަށް ވެސް ބުންޏެވެ.

މި ޖަލްސާގައި ވަނީ، އެދުވަހުގެ ހަމަލާގައި ޝަހީދުވި  ސިފައިންނާއި އާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރެއްވުމުގެ އެބޭފުޅުންގެ އާއިލާތަކަށް ވެސް  ހަނދާނީ އައްޑަނައެއް މިއަދގެ ޖަލްސާގައި އަރުވާފައި ވެއެވެ.

މި ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ އަށް ބޭފުޅުންނެވެ. އަދި އާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް