ޑޮލަރު ފޭރުނު މައްސަލާގައި ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭޭ) ތެރޭގައި ޑޮލަރުތަކެއް ފޭރުނު މައްސަލާގައި ހައްޔަރު ކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ބީއެމްއެލްގެ ސްޓާފުންތަކެއްގެ އަތުން ޑޮލަރުހުރި ބްރިފްކޭސެއް ފޭރިގަތީ މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. އެ ފައިސާތައް ފޭރިގަތީ މޫނު ނިވާކޮށްގެން ތިބި ބަޔެކެވެ.

މި ފޭރުމުގައި ހަރަކާތްތެރިވި ކަމުގެ ތުހުމަތުގައި ޖެހިގެން އައި ދުވަހު ހަތަރު މީހަކު  ކ. ހުރާއިން ހައްޔަރުކުރި އެވެ. މި މައްސަލައިގައި ހައްޔަރުކުރީ:

މާޒިން މޫސާ 25އ، ރޭޝަން/ލ. މާވަށްއަހުމަދު ރައިހާން ނައީމް 20އ، މ. ކޯރަސްއިބްރާހިމް އަނޫފް 24އ، އަޅިވިލާގެ/ކ. ގުރައިދޫހުސެން ޝަހުދު 30އ، އަޅިވިލާގެ/ކ. ގުރައިދޫ

މި މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ، ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އަދި މިކަމުގައި ގެއްލުނު ފައިސާތަކާގުޅޭ މައުލޫމާތެއް ވެސް އަދި ފުލުހުން ނުދެ އެވެ. ފުލުހުން މީގެ ކުރިން ބުނިގޮތުގައި ފައިސާ އުފުލުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުން ކޮށްފައިނުވެ އެވެ. އެމީހުން އެ ފައިސާތައް ފޭރިގަތީ ވަޅިން ބިރުދެއްކުމަށްފަހު އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް