މަސްތުވާތަކެއްޗާއެކު ލ. އަތޮޅުން ދެމީހަކު ހައްޔަރުކޮށްފި

ލ. ދަނބިދުއާއި ގަމުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ދެމީހުންގެ ތެރެއިން ލ. ގަން / ތުނޑި. ހުދުފަސް، ޔޫސުފް ނަސީމް (60އ) ހައްޔަރުކޮށްފައި ވަނީ އޮކްޓޫބަރު 30 ވަނަ ދުވަހު ގަމުގައި ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، ގަން ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އޭނާ ހާއްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި (ވަގުތީ ބަރުދަން 5.39 ގުރާމް) އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޔޫސުފް ނަސީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މީގެ އިތުރުން ފުލުހުން ހާމަކުރި ގޮތުގައި އޮކްޓޫބަރު 30 ވަނަ ދުވަހު ދަނބިދޫގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ލ. މުންޑޫ / ހީނާވިލާ، އަޙްމަދު ޝަފީޤް (55އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ދަނބިދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.

ފުލުހުން ބުނީ ދަނބިދޫ ބަނދަރު މަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 46.32 ގުރާމު ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަޙްމަދު ޝަފީޤް (55އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް