ލައިސަން ނަގައިގެން ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދީފި

ކަށިމިޔަރުގެ މަސްވެރިކަން ވަކި އުސޫލެއްގެ ދަށުން ކުރުމަށް ސަރުކާރުން ހުއްދަދީފިއެވެ.

މިއަދުން ފެށިގެން ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމާފައިވާކަން ސަރުކާރުން ކުރިން ވަނީ އިއުލާންކޮށްފަ އެވެ.

އެހެންވެ، ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ މިޔަރުގެ މަސްވެރިކަން ކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް މިހާރު އާންމު ކޮށްފަ އެވެ.

"ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވައިދު" އަށް ގެނައި ތިން ވަނަ އިސްލާހުގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ހިފުމާއި ބޭނުމާއި ނެގުން އަދި މެރުން މަނާ ބާވަތްތަކަށް ބަދަލު ގެނެސްފަ އެވެ.

އެންމެ ފަހުން ގެނައި ބަދަލުގައި ބުނީ ކަށިމިޔަރުގެ ބާވަތްތައް ފިޔަވައި މިޔަރުގެ އެހެން ބާވަތްތައް ހިފުން މަނާވާނެ ކަމަށެވެ. އެއާ އެކު، ފިޝަރީޒް މިނިސްޓްރީން ވަނީ ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދު އަދި ރާއްޖޭގެ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖް ކުރުމުގެ ޕްލޭން އާއްމުކޮށްފަ އެވެ.

އެ ގަވައިދަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި، އެ ޕްލޭނަށް ލަފާ ދިނުމަށް 13 މެމްބަރުންގެ ކޮމިޓީއެއް މިނިސްޓަރު އެކުލަވާލަން ޖެހެ އެވެ. އޭގެ ތެރޭގައި؛

- ފިޝަރީޒް ޑިޕާޓްމަންޓް ތަމްސީލްކުރާ މަންދޫބެއް (މުގައްރިރު)

- މިނިސްޓްރީގެ ފިޝަރީޒް ކޮމްޕްލަޔަންސް ސެކްޝަން ތަމްސީލްކުރާ މަންދޫބެއް

- މޯލްޑިވްސް މެރިން ރިސާޗް ތަމްސީލުކުރާ މަންދޫބެއް

- ކަށިމިޔަރުގެ މަސްވެރިކަންކުރާ ފަރާތްތައް ތަމްސީލްކުރާ ދެ މަންދޫބުން

- ކަށިމިޔަރުގެ ބާވަތްތައް ޕްރޮސެސް ކުރާ ފަރާތްތަކާއި އެކްސްޕޯޓުކުރާ ފަރާތްތައް ތަމްސީލުކުރާ ދެ މަންދޫބުން

- ތިމާވެއްޓާ ބެހޭ މިނިސްޓްރީ ތަމްސީލުކުރާ ދެ މަންދޫބުން

- އެލްޖީއޭ ތަމްސީލުކުރާ މަންދޫބެއް

- ފުލުހުން ތަމްސީލުކުރާ މަންދޫބެއް

- ކަސްޓަމްސް ތަމްސީލުކުރާ މަންދޫބެއް

- ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާއި މަސްވެރިކަމާ ގުޅޭ މަސައްކަތް ކުރަން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދެ ޖަމިއްޔާ

އެ ޕްލޭނުގައިވާ ގޮތުން ކަށިމިޔަރުގެ މަސްވެރިކަމާއި އޭގެ ވިޔަފާރީގައި ހަރަކާތްތެރިވެވޭނީ މިނިސްޓްރީން ދޫކުރާ ލައިސަންސެއް ނެގުމަށް ފަހުގަ އެވެ. އަދި އެ ލައިސަންސް އެންމެ ގިނަ ވެގެން ދޫކުރެވޭނީ 40 އުޅަނދަށް ވެސް ކަމަށް ވެސް ޕްލޭނުގައިވެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް