ތުލުސްދޫގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާނަން: ރައީސް

ކ. ތުލުސްދޫގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަށް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މާލެއަތޮޅުގެ މީހުން ދިރިއުޅޭ ތިން ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ތުލުސްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ތުލުސްދޫ އަކީ އާބާދީ އާއި ތަރައްޤީ އެއްފަސްކުރުމުގެ ކާމިޔާބީ ދައްކުވައިދީފައިވާ އަދި އެކަމަށް މަރުޙަބާ ކިޔާ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރަށުގެ ހިއްކި ބިމުން ގޯތި ދިނުމާއި، ގެދޮރު އިމާރާތްކުރުން ހިމެނޭހެން އެ ރަށުގައި ބޯހިޔާވަހިކަމާގުޅުންހުރި މަސައްކަތްތައް ކުރިއަށްގެންދަވާނޭކަމަށެވެ.

އެގޮތުން، ތުލުސްދޫ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކުރެއްވުމަށްފަހު، ޖާގަ އޮތް މިންވަރަކުން، އެ ރަށުގައި އާބާދީ އާއި ތަރައްޤީ އެއްފަސްކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭކަމަށް ވިދާޅުވިއެވެ.

ރައީސް މި ދަތުރުފުޅުގައި ހިމެނިގެން، އެމަނިކުފާނުގެ ވަޢުދުފުޅުތަކާއި ރައްޔިތުންގެ އުންމީދުތަކާ ގުޅުންހުރި، މުހިންމު މަސައްކަތްތަކެއްގެ އެކި މަރުޙަލާތައް ތުލުސްދޫގައި މިއަދު ވަނީ ފައްޓަވައިދެއްވާފައެވެ.

އެގޮތުން، މި ދަތުރުފުޅުގައި ވަނީ، ކ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތާއި، ތުލުސްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ތުލުސްދޫ ފުލުހުންގެ މަރުކަޒާއި، ތުލުސްދޫ އިންޖީނުގޭގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައި، ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކެޑަމީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

އަދި، ތުލުސްދޫގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، ކ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމާއި، ކ. ތުލުސްދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.

ތުލުސްދޫގެ މަގު ހެދުމުގެ މަސައްކަތް ލަސްވެގެން ޖަނަވަރީ މަހު ފައްޓަވާނޭކަމަށާއި، ހުޅަނގު ބަނދަރުގެ މަސައްކަތާއި، ބޭންކް އޮފް މޯލްޑިވްސްގެ އައު ބްރާންޗާއި ޑޮލަރު އޭޓީއެމްގެ މަސައްކަތް އަންނަ އަހަރު ކުރިއަށްގެންދަވާނޭކަމަށް، ރައީސް ވިދާޅުވިއެވެ.

އަދި ކުޅިވަރާއި، ތަޢުލީމާއި، ޞިއްޙީ ދާއިރާގެ ބިނާރާއި ވަސީލަތް ތަރައްޤީކުރުމުގެ އިތުރު މަސައްކަތްތައް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު، ތުލުސްދޫއަށް ވަޑައިގެންނެވުމާއެކު، ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރެއްވުމަށް ރައީސް ކަނޑައެޅުއްވި އަޒުމު ހާސިލުކުރެވުނީއެވެ.

މި ކަމަށް އިޝާރާތް ކުރައްވަމުން ރައީސް ވަނީ، މި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 187 ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި، 64 ރަށަކަށް ދެވަނަ ފަހަރަށް ޒިޔާރަތްކުރައްވައި، ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ އެއް ފަހަރު، އަދި 148 ކައުންސިލަކާ ދެ ފަހަރު ބައްދަލުކުރެއްވިފައިވާކަމަށް ވިދާޅުވެފައެވެ.

އަދި ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންނާއި މުއައްސަސާތަކުގެ ވެރީންގެ ވާހަކަތައް އަޑުއެއްސެވުމުގެ ސަބަބުން، ވަޢުދުފުޅުތައް ފުއްދެވޭ ދުވެލި އަވަސްވެ، ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތްތައް ބައްޓަންކުރެއްވޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި ކަމުގެ އެދެވޭ ނަތީޖާ ރައްޔިތުންނަށް ފެންނަމުންދާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް