ގަސްފިނޮޅުގައި ރިސޯޓެއް ހަދަން ބައިސަން އާ ހަވާލުކޮށްފި

ހައްދުންމަތީ ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް ފަށައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު, ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވަނީ އެ މަޝްރޫޢު ކުންފުންޏަކާއި ހަވާލުކޮށްފަ އެވެ.

ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ އެވެ. އެކަމުގެ އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާ އާއި އެ ކުންފުންޏާއި ދެމެދު ވަނީ ސޮއިކޮށްފަ އެވެ.

ދިވެހިރާއްޖޭގައި އެކަށީގެންވާ މިންވަރަށް ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރެވިފައި ނެތް އަތޮޅުތަކުގައި ރިސޯޓު ތަރައްޤީކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ޕްލޭނަށް އިޝާރާތް ކުރައްވަމުން ރައީސް މުޢިއްަޒު ވަނީ، މިރޭ ސޮއިކުރި، ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުންވެސް، އެ އަތޮޅުގައި ފަތުރުވެރިކަމާ ގުޅުންހުރި މަސައްކަތްތައް އެކި މަރުޙަލާތަކުގައި ކުރައްވަމުން ގެންދަވާކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ ރިޔާސީ ބައެއް ވަޢުދުތަކާ ގުޅުންހުރި މަސައްކަތްތަކުގެ އެކި މަރުޙަލާތައް ވެސް ލ.ގަމުގައި ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް