ހިތަދޫ ކުނަހަންދޫ ކޯޒްވޭ ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ލ. ހިތަދޫ ކުނަހަންދޫ ކޯޒްވޭ ޤާއިމްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، ހިތަދޫ އާއި ކުނަހަންދޫ ކައުންސިލްގެ މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ކުނަހަންދޫ އާއި މެންދޫއާއި ދޭތެރޭ 210 މީޓަރުގެ ކޯޒްވޭއަކާއި މެންދޫއާއި ހިތަދޫއާ ދޭތެރޭ 75 މީޓަރުގެ ކޯޒްވޭއެއް ޤާއިމްކުރެވޭނެއެވެ. ދުއްވާ ސަރަހައްދުގެ ފުޅާ މިނަކީ 7.80 މީޓަރެވެ. މީގެ އިތުރުން 390 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެއެވެ.

މިއީ 81.22 މިލިއަން ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް