ތޮއްޑޫއާއި ކަމަދޫން ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި

އއ. ތޮއްޑޫ އަދި ބ. ކަމަދޫގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މަހު 16 ވަނަ ދުވަހު ހިންގި މި ދެ އޮޕަރޭޝަނުގެ ތެރެއިން ތޮއްޑޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މާލެ / ގ. އެވަރޝައިން، އާދަމް އަޝްފާގް (41އ) އެވެ.

އޭނާ އަށް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

މިގޮތުން ފުލުހުން ބުނީ ތޮއްޑޫ ބަނދަރު ބަނދަރުމަތިން އާދަމް އަޝްފާގް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 70 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން ކަމަދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބ. ކަމަދޫ / ސަބްނަމްވިލާ، ފާއިޤު ސަޢީދު (34އ) އެވެ.

ފުލުހުން ބުނީ ދަރަވަންދޫއިން ކަމަދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަދޫ ބަނދަރުމަތިން ފާއިޤު ސަޢީދު ހުއްޓުވައި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1.2 ގުރާމެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް