ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް މި ފަހަރު ތިން ދަރިވަރަކަށް

ބޭންކް އޮފް މޯލްޑިވްސްގެ ސްކޮލަރޝިޕް ފަންޑް 2025 ތިން ދަރިވަރަކަށް ދީފިއެވެ.

މި ފަހަރުގެ ސްކޮލަރޝިޕް ލިބުނު ދަރިވަރުންގެ ތެރޭގައި ހިމެނެނީ މުޙައްމަދު ޢާހިލް އަޙްމަދާއި، މަރްޔަމް ޖައިޝާން ޖަލީލު އަދި މުޙައްމަދު ޝައުން ޙިލްމީއެވެ.

ބީއެމްއެލް ސްކޮލަރޝިޕް ފަންޑަކީ ތައުލީމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ބޭންކުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ. މި ސްކޮލަރޝިޕަކީ ރާއްޖޭގެ ބޭންކިންގ އަދި ފައިނޭންސް ދާއިރާ ކުރިއަރުވައި، އިތުރަށް ހަރުދަނާ ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރަމުން އަންނަ މުހިންމު ޕްރޮގްރާމެކެވެ.

"މި އަހަރު ސްކޮލަރޝިޕް ހާސިލުކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވަން. މި ކާމިޔާބީއަކީ ތިޔަ ދަރިވަރުންގެ ހިތްވަރާއި މިންނެތް މަސައްކަތުގެ ނަތީޖާ. މި ފުރުސަތާއެކު ތިޔަ ދަރިވަރުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، އަދި ތައުލީމް ހާސިލްކޮށް ނިމުމުން ރާއްޖޭގޭ މާލީ ދާއިރާގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކޮށްދޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން"، މިކަމާ ގުޅިގެން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެފައިވެއެވެ.

2022 ވަނަ އަހަރުން ފެށިގެން ބީއެމްއެލް ސްކޮލާޝިޕްގެ ދަށުން މިހާތަނަށް ހޮވުނު 9 ދަރިވަރުން އަންނަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް