ކަށިމިޔަރުގެ މަސްވެރިކަމަށް، މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ބައްދަލުވުމެއް ބާއްވައިފި

ނޮވެމްބަރު 1 އިން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް މި ވުޒާރާއިން ކުޅުދުއްފުށި ސިޓީގައި ބައްދަލުވުމެއް ބާއްވައިފިއެވެ.

ކަނޑައަޅާފައިވާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ނޮވެމްބަރު މަހު، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ އޮގަސްޓު މަހު ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަފުޅުގައެވެ.

ކަށި މިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލުމަށް އެކުލަވާލާ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި އެ ރަށުގެ މަސްވެރިންނާއި މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަން ކުރި ބައެއް މީހުން ބައިވެރިވިއެވެ.

ރައީސް އޭރު ވިދާޅުވީ ކަށި މިޔަރު މަސްވެރިކަން ކުރުމާގުޅޭ ގަވާއިދުތައް މަސްވެރިކަމާ ބެހޭ ވުޒާރާއާއި ތިމާވެއްޓާބެހޭ ވުޒާރާއިން ގަވާއިދުތައް އަލުން މުރާޖާކޮށް އެމަސައްކަތް މިހާރު ނިންމާފައިވާ ކަމަށެވެ.

މެނޭޖްމަންޓް ޕްލޭންގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އަލުން ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އަންނަ ނޮވެމްބަރު މަހުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކަށިމިޔަރުގެ މަސްވެރިކަމަކީ އަހަރުތަކެއްކުރީން ރާއްޖޭގައި ކުރި އަދި އޭގެން ބޮޑު މަންފާއެއް މަސްވެރީން ހޯދި މަސްވެރިކަމުގެ ބާވަތެކެވެ. އެކަން ހުއްޓުނީ ރާއްޖޭގައި މިޔަރުގެ އަބާދީ މަދު ވަމުން ދިއުމާ ގުޅިގެންނެވެ. އެހެން ނަމަވެސް މިހާރު މިޔަރު އާބާދީ ރާއްޖޭގައި އިތުރުވެ ބައެއް ފަހަރު މަސްވެރިންނަށްވެސް މިޔަރުގެ އުދަގޫ ބޮޑުވާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމަކީ މީގެ އަހަރުތަކެއް ކުރީން ރާއްޖޭގައި ކުރަމުންގެންދިޔަ މަސްވެރިކަމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް