މުދައްރިސުންގެ ބުރަ މަސައްކަތަކީ މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ ޚިދުމަތެއް: ރައީސް

މުދައްރިސުންގެ ބުރަ މަސައްކަތަކީ މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ ޚިދުމަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެމަނިކުފާނުގެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން، މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެއާއި އާޚިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ، މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ޤަދަރުވެރި، ފަޚުރުވެރި ޚިދުމަތެއްކަމަށް ރައީސް ސިފަކުރައްވާފައިވެއެވެ.

މީގެ އިތުރުން، މި ޤައުމުގެ ދިދަ މާދަމާ އުފުލާނެ ޢަޒުމު ވަރުގަދަ، ހިތްވަރު ހުރި، މޮޅުކުދީން މިއަދު އެތިބީ މަދަރުސާތަކުގައިކަމަށާއި، ދިވެހީން އެދޭފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދީން ތަރުބިއްޔަތުވާނީ މުދައްރިސުން މިއަދު ދިން އިރުޝާދަކާއި ތަޢުލީމަކާއި އޯގާތެރިކަމަކުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައިކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

"ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭކަމުގެ ޔަގީންކަން އަރުވަމުން، މި އުފާވެރި ދުވަހުގެ ތަހުނިޔާ މުދައްރިސުންނަށް އަރިސްކުރަން. ކޮންމެ އެދުރެއްގެ ޢާއިލާއަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށް އެދި ދުޢާކުރަމުން. އާމީން" ރައީސްގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް