ރަސްމާލޭގެ މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންޓެއް ހޯދަނީ

ތިމާވެއްޓާ ރައްޓެހި ރަށެއްގެ ގޮތުގައި ތަރައްޤީކުރާ ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދަން މާލީ ކަންކަމާއި ތަރައްޤީ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.

އެ ވުޒާރާއިން ވިދާޅުވީ މި މި ކޮންސަލްޓެންސީގެ މައިގަނޑު މަޤްޞަދަކީ ކްލައިމެޓް ރިސްކް އެޑެޕްޓިވް އައިލެންޑް ޕްލޭނިންގ މޮޑެލް އުސޫލުތަކަށް ފެތޭ، އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އިޤްތިޞާދީ ގޮތުން ފުދުންތެރި މާސްޓަރ ޕްލޭނެއް އެކުލަވާލުންކަމަށާއި އަދި މި ޕްލޭނަކީ ދުރު ރާސްތާގެ ތަރައްޤީއަށް މަގުފަހިކޮށްދޭ، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ބިނާކުރެވިފައިވާ ރޭވުންތެރި ޕްލޭނަކަށް ވާނެކަމަށެވެ.

ކޮންސަލްޓަންޓެއް ހޮވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން މެތަޑް އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ރަސްމާލެއަކީ މާލޭ ކައިރި ފުށިދިއްގަރު ފަޅުން 1009 ހެކްޓަރު ހިއްކައިގެން ތަރައްޤީކުރާ ރަށެކެވެ. މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ އެންމެ ބިޔަ ބޮޑު މަޝްރޫޢުއަކީ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުއެވެ.
ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 2023 އަހަރުގެ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް