ވީއައިއޭގެ އައު ޓާމިނަލްއިން އިންޑިގޯއަށް ޚިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭގެ ޓަރމިނަލް 1 އިން އިންޑިގޯ އެއާލައިނަށް އަށް ޚިދުމަތް ދޭން ފަށައިފިއެވެ.

ވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމާއެކު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ޚިދުމަތްތައް އަންނަނީ މި ޓަރމިނަލަށް ބަދަލުކުރަމުންނެވެ. އެންމެ ފަހުން ވީއައިއޭގެ ޓާމިނަލް 1 އިން ޚިދުމަތްދޭން ފަށާފައިވަނީ އިންޑިގޯއަށެވެ.

އިންޑިގޯއަށް ޓާމިނަލް 1 އިން ޚިދުމަތްދޭން ފެށުން ފާހަގަކުރުމަށް އެއަރޕޯޓްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެގޮތުން މި ފްލައިޓަށް ވޯޓަރ ސެލިއުޓެއް ދީފައިވާއިރު ފްލައިޓުން އައި ފަސިންޖަރުންނަށް މަރުހަބާ ކިޔާފައިވަނީ ރަތް ފިނިފެންމަލުންނެވެ.

އިންޑިގޯ އެއަރލައިނުން 2017 ވަނަ އަހަރުން ފެށިގެން އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ.

އިންޑިގޯއަކީ ވީއައިއޭގެ ޓާމިނަލް 1 އިން ޚިދުމަތްދޭން ފެށި 8 ވަނަ އެއަރލައިނެވެ. ޓާމިނަލް 1 އިން ޚިދުމަތްދެމުން އަންނަ އެހެން އެއަރލައިންތަކަކީ ޤައުމީ އެއަރލައިން މޯލްޑިވިއަން، އެއަރ އަރަބިއާ، ބިއޯންޑް، ފިޓްސް އެއަރ، ބެއިޖިންގް ކެޕިޓަލް އެއަރލައިންސް، ބަޓިކް އެއަރ އަދި ބެންކޮކް އެއަރވޭސްއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް