އ.ދ.ގެ 80 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި، ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ސައިޑް އިވެންޓެއް ބާއްވައިފި

އ.ދގެ 80 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ދިވެހިރާއްޖެއިން ޕެރިސްއެގްރިމަންޓަށް ދިހަ އަހަރު ފުރުމުގެ މުނާސަބަތުގައި ޚާއްސަ ސައިޑް އިވެންޓެއްބާއްވައިފިއެވެ.

އަންގާރަ ދުވަހު، ނިއު ޔޯކުގައި ހުންނަ އ.ދ.ގެ މައި މަރުކަޒުގައި ބޭއްވިމި އިވެންޓް ޝަރަފުވެރިކޮށްދެއްވުމުގެގޮތުން ވާހަކަފުޅުދެއްކެވީ ފަތުރުވެރިކަމާއިތިމާވެއްޓާއިބެހޭ ވަޒީރު އަލްފާޟިލް ޠާރިޤު އިބްރާހީމެވެ.

ވަޒީރު ޠާރިޤުގެ ވާހަކަފުޅުގައި ޕެރިސް އެގްރިމަންޓް އެކުލަވާލި މުއްދަތުގައި އެއޯސިސްގެ ރިޔާސަތު ބެލެހެއްޓި ޤައުމުގެ ހައިސިއްޔަތުން ރާއްޖެ ކުރި މަސައްކަތައް ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖޭން ސާބިތުކަމާއެކު ދެމިހުންނާނޭކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިއަހަރު ނެރުނު ރާއްޖޭގެ ތިންވަނަ ނޭޝަނަލީ ޑީޓަރިމިންޑް ކޮންޓްރިބިއުޝަންސްގެ ލަނޑުދަނޑިތަކުގެ މުހިއްމުކަމާއި އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނި އެކަމަށް ތައްޔާރުވެތިބުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަޒީރު ވާހަކަފުޅު ދެއްކެވިއެވެ. 

މި ހައި ލެވެލް ސައިޑް އިވެންޓުގައި ދެން ކުރިޔަށް ދިޔައީ އެން.ޑީ.ސީ ޕަރޓްނަޝިޕްގެޑރ. ޕަބްލޯ މޮޑަރޭޓްކުރެއްވި ޕެނަލް ޑިސްކަޝަނެކެވެ. މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވީ ޖަޕާނު ސަރުކާރުގެ ފަރާތުން، އެސިސްޓަންޓް މިނިސްޓަރނަކަމުރާ ރިޔޯ، އ.ދ. ގެ އޮފީސް އޮސް ދަ ހައި ރެޕްޒެޓެންޓެޓިވް  ފޯ ދަ ލީސްޓްޑިވެލޮޕްޑް ކަންޓްރީސް، ލޭންޑްލޮކްޑް ޑިވެލޮޕިންގ ކަންޓްރީސް އެންޑް ސްމޯލް އައިލެންޑްޑިވެލޮޕިންގް ސްޓޭޓްސް ރަބާބް ފާތިމާ އާއި ޔޫ.އެން.ޑީ.ޕީ، އިޓަލީ ސަރުކާރު، ޖީ.ސީ.އެފް އަދި ޔޫ.އެން.އީ.ޕީގެ މަންދޫބުންނެވެ.

މި ޕެނަލް ޑިސްކަޝަންގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެއްވީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުންމޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތް އިތުރަށް ފުޅާކޮށް ވަރުގަދަކުރުމާއި ބެހޭ ގޮތުންނާއި، މިކަމާ ބެހޭ އެކި ޕްރޮޖެކްޓުތަކުން ލިބޭ ތަޖުރިބާ އެހެންކުދި ޖަޒީރާ ޤައުމުތަކާއި ޙިއްސާކޮށް އެންމެ އެކަށޭނެ ފިޔަވަޅުތަކާއި ޕްރޮޖެކްޓުތައް ދެނެގަތުމުގެ މުހިއްމުކަމެވެ.

މީގެ އިތުރުން މި ފަދަ ޤައުމުތަކުގެ ކްލައިމެޓް ޕްލޭންތައް(ތިންވަނަ ނޭޝަނަލީ ޑީޓަރިމިންޑް ކޮންޓްރިބިއުޝަންސް) ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން، ޤައުމުތަކުގެ ހާލަތާއި ގުޅޭފަދަ މާލީ އަދި ފަންނީ އެހީފޯރުކޮށްދިނުމުގެ މުހިންމުކަމާއިބެހޭގޮތުން މި ޕެނަލް ޑިސްކަޝަންގައި މަޝްވަރާކުރެއްވިއެވެ.

މި ސައިޑް އިވެންޓް ނިންމާލުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޙަލީލެވެ. މިގޮތުން، ވަޒީރު ޚަލީލުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.  

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް