މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ބައިވެރިންނަށް ސްޓައިޕެންޑް ދިނުމަށް ހުޅުވާލައިފި

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ތެރެއިން ޕްރައިމަރީ، ދިވެހި އަދި އިސްލާމް މާއްދާ އިން ޓީޗިން ހަދާ ފަރާތްތަކަށް ސްޓައިޕެންޑް ދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖޭގެ ޔުނިވަރސިޓީ އަދި ކޮލެޖް ތަކުގައި، ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް މަހަކު 1،500 ރުފިޔާގެ ސްޓައިޕެންޑް ލިބޭނެއެވެ.

މި ސްޓައިޕެންޑް ދިނުމުގައި ޚާއްޞަކޮށް ޕްރައިމަރީ ގްރޭޑްތަކަށާއި، އިސްލާމް އަދި ދިވެހި މާއްދާ ކިޔަވައިދޭނެ މުދައްރިސުން ލިބުން ދަތި ރަށްރަށުގެ ސްކޫލްތަކުގައި ވަޒީފާ އަދާކުރަން އެއްބަސްވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ފުރުޞަތަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި:

  • ދިވެހިރާއްޖޭގެ ޔުނިވަރސިޓީ ނުވަތަ ކޮލެޖެއްގައި އެންރޯލްވެ ކިޔަވަމުންދާ ފަރާތެއްކަމުގައިވުން.
  • ޕްރައިމަރީ، އިސްލާމް ނުވަތަ ދިވެހި މާއްދާ ކިޔަވައިދިނުމަށް ތަމްރީންވާ ކޯހަކަށްވުން.
  • ކޯހުގެ ކިޔެވުން ފަށާފައިވަނީ 1 ޖެނުއަރީ 2025 ގެ ފަހުން ކަމުގައިވުން.
  • އުމުރުން 40 އަހަރަށް ވުރެން ދޮށީ މީހަކަށް ނުވުން.

މި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް 2 އޮކްޓޫބަރު 2025 ގެ ކުރިން ގޫގުލް ފޯމް ލިންކެއް މެދުވެރިކޮށް އެޕްލިކޭޝަން ހުށައެޅޭނެއެވެ. މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3041046 މި ނަންބަރަށެވެ. އީމެއިލް ކުރައްވާ ނަމަ ފޮނުއްވާނީ [email protected] މި މެއިލް އެޑްރެހަށެވެ.

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމަކީ ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ މާލީ އެހީއާއެކު މިނިސްޓްރީގައި ގާއިމުކުރެވިފައިވާ "ތަޢުލީމަށް އިންޤިލާބީ ބަދަލު (ތައިބަ)" ޕްރޮޖެކްޓްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމް ކުރިއަށްގެންދަނީ މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އަދި ވިލާ ކޮލެޖް ގުޅިގެންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް