އިންގިރޭސިވިލާތް ހިމެނޭހެން 3 ޤައުމަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަތުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

3 ޤައުމަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަންނަން ނިންމުމުން ދިވެހިރާއްޖެއިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ އިނގިރޭސިވިލާތާއި، ކެނެޑާ އަދި އޮސްޓްރޭލިއާއިން ރަސްމީކޮށް ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމުން އެކަމަށް މަރުހަބާ ކިޔާކަމަށެވެ. އަދި މިއީ މި ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ލިބިގެންދިޔަ ކުރިއެރުމެއްކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިކަމުން ފަލަސްޠީނުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއި އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމާމެދު ޤައުމުތަކުގެ މެދުގައި ޚިޔާލު އެއްގޮތްކަން ހާމަވާކަމަށްވެސް ސަރުކާރުގެ ބަޔާނުގައިވެއެވެ.

އަދި މިހާތަނަށް ފަލަސްޠީނުގެ ދައުލަތް ބަލައިގަނެފައިވާ ނުވާ ޤައުމުތަކުންވެސް އެ ޤައުމުގެ ރައްޔިތުންގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުންދިނުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

އދ. އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ބައްދަލުވުންތައް މިހާރު ފެށިފައިވާއިރު، ހުޅަނގުގެ ބައެއް ޤައުމުތަކުން ވަނީ ފަލަސްޠީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާންކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް