ދިއްގަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު އެއްބަސްވުމުގައި މިހާރު ހިމެނޭ އަދަދަށްވުރެ އިތުރަށް ހައުސިން ޔުނިޓް އިމާރާތްކޮށްދޭނަން: ރައީސް

ދިއްގަރުގައި މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ޢަމަލީގޮތުން ފެށިގެންދާއިރު، މިހާރު އެއްބަސްވުމުގައި ހިމެނޭ އަދަދަށްވުރެ އިތުރަށް ހައުސިން ޔުނިޓް އިމާރާތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވި ދިއްގަރުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ދިއްގަރުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ދިއްގަރުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވިގެންދިޔަ 30 އެނދުގެ ހޮސްޕިޓަލް ވެގެންދާނީ، ރަށަށް ސިއްޙީ ޚިދުމަތްތައް އިތުރުކުރެވި، ވަރުގަދަކުރެވިގެންދާނެ މަޝްރޫޢުއަކަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެ މުހިންމު މަޝްރޫޢުއެއްގޮތެއްގައި ދިއްގަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަވައިދެއްވާނެކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ޢަމަލީގޮތުން ފެށިގެންދާއިރު، މިހާރު އެއްބަސްވުމުގައި ހިމެނޭ އަދަދަށްވުރެ އިތުރަށް ހައުސިން ޔުނިޓް އިމާރާތްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ ރަށުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢު. މިއީ ފެށުމެއް. މި 75 ޔުނިޓްގެ މަޝްރޫޢުގެ އިތުރުން، އިތުރު 75 ޔުނިޓް އެޅުމުގެ މަސައްކަތް މި މަޝްރޫއުއާ އެކުވެގެން ފައްޓާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިއްގަރާ، އަދި މުލަކަތޮޅަކީ މަސްވެރިކަމުގެ ސިނާއަތް ފުޅާ ސަރަޙައްދަކަށްވުމާއެކު، މަސްވެރިންނަށް ފަސޭހަ ގޮތްތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އެގޮތުން ހެޔޮ އަގުގައި ތެލާ އައިސް ފޯރުކޮށްދިނުމުގެ މަސައްކަތްތައް އެކި މަރުހަލާގައި ކުރިއަށްދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މަސްވެރިންގެ ދަފްތަރާ، ލޯނަކީވެސް އެ ދާއިރާއި، ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ސަރުކާރުން ފަހިކޮށްދޭ ވަރަށް މުހިންމު ފުރުޞަތެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދިއްގަރު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ މ.ދިއްގަރު ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ނިމުން ފާހަގަކުރައްވާފައެވެ. އަދި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް