މުލަކު ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

މ. މުލަކު ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުލަކަތޮޅު މުލަކަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމީއްޔާތެއްގައެވެ.

މި ރަސްމީއްޔާތުގައި މަސައްކަތް ފައްޓަވައިދެއްވީ، ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާޙިމްއެވެ. އަރިހުގައި މުލަކު ދައިރާގެ މެންބަރު އިބްރާހިމް ނައުފަލް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމު އަދި މުލަކު ކައުންސިލުގެ ރައީސް އަހުމަދު ޖަމާލް ބައިވެރިވެވަޑައިގެންނެވިއެވެ.

މުލަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިމަޝްރޫޢުއަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދެއްކަން ފާހަގަކުރައްވާފައެވެ. އަދި މިމަސައްކަތުގެ ސަބަބުން މިސަރަހައްދުގެ ރައްޔިތުންނަށް ސިއްޙީ ހިދުމަތް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށާއި އަދި މަސައްކަތް ނުހުއްޓި ބާރަށް ކުރިއަށްދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މޭއި މަހުގެ 28 ވަނަ ދުވަހުއެވެ. މިއީ 24.5 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އާރްޑީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ އަންނަ އަހަރު އޯގަސްޓްމަހު ކުރީ ކޮޅަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް