އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ޗައިނާގެ ފުރަތަމަ އެއާލައިުގެ ލަޤަބު ބެއިޖިން ކެޕިޓަލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ބެއިޖިންގް ކެޕިޓަލް އެއާލައިނަށް ހިދުމަތް ދޭން ފަށައިފި އެވެ.

މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޗައިނާގެ ފުރަތަމަ އެއާލައިނެވެ. އަދި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ފަސް ވަނަ އެއާލައިނެވެ.

އާ ޓާމިނަލް އިން ބެއިޖިންގް ކެޕިޓަލް އެއާލައިނަށް ހިދުމަތް ދިނުން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ އަދި އެމްއޭސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.

މިރަސްމިއްޔާތުގައި ބެއިޖިން ކެޕިޓަލް އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 248 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބެއިޖިން ކެޕިޓަލް އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު، ޖޭޑީ455-6 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 276 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ބެއިޖިން ކެޕިޓަލް އެއާލައިންސަކީ ބެއިޖިން ޑެޒިންގް އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުވެފައި އޮންނަ ލޯ-ކޯސްޓް އެއާލައިން އެކެވެ. ޓާމިނަލް 1 އިން މިހާރު ދަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން, ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިން އެއާ އަރަބިއާ, ލަގްޒަރީ އެއާލައިން ބިއޯންޑް, ސްރީ ލަންކާގެ ލޯ-ކޯސްޓް އެއާލައިން ފިޓްސް އެއާއަށް ހިދުމަތް ދެމުންނެވެ.

މި ހަފްތާގެ ތެރޭގައި އިތުރު ދެ އެއާލައިނެއް އާ ޕެސެންޖާ ޓާމިނަލަށް ބަދަލުކުރަން ވަނީ ނިންމާފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް