ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި 9 ސަރަހައްދެއް ބަލައިފި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި 9 ސަރަހައްދެއް ބަލައިފިކަމަށް އިމިގްރޭޝަން އިން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމާއެކު، ދިވެހި ރައްޔިތުންނަށް ވިޔަފާރިކުރުމަށް ހައްގު ފުރުސަތު ހޯދައިދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ ވަޢުދުފުޅާ އެއްގޮތަށް، މިއަދު ޓާސްކްފޯސްއިން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ގުރޫޕްތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި މާލޭގެ 9 ސަރަހައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.

މި އޮޕަރޭޝަން ފެށުމަށްޓަކައި ބޭއްވި ބްރީފިންގގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދް ފަޞީޙް، އަދި ދެ އިދާރާގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް ފައްޓަވާނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރޭ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި އޮޕަރޭޝަންގެ ދަށުން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދައި، އެފަދަ މީހުން ހިންގާ ވިޔަފާރިތައް ބަންދުކޮށް، އެމީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނީ ބޮޑެތި ރަށްރަށަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ކަމުގައިވީނަމަވެސް، އެކަމަށް ޙައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މަޢުލޫމާތު ހޯދައި، ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ޑީޕޯޓުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށުގެ މައްސަލައަކީވެސް، އަމިއްލަ މަންފާ އިސްކުރުމުގެ ސަބަބުން މީގެ ކުރިން ޙައްލުނުކުރެވި، މޫލާފައިވާ މައްސަލަތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އެހެންނަމަވެސް މި ސަރުކާރުން މި މައްސަލަތައް ޙައްލުކުރައްވާނީ، މޫނަށް ކަނދުރާއަށް ބެއްލެވުމެއް ނެތި، ޖުޑީޝަރީ އާއި ތަންފީޒީ އިދާރާތަކަށް ނުފޫޒު ނުފޯރުވާ ކަމުގެ ޔަޤިންކަން އެމަނިކުފާނު ދެއްވިއެވެ.

އެގޮތުން 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި މިއަދު ކޯޓުން އިއްވި ޙުކުމްތަކަށާއި، ދާދިފަހުން ތަޞްދީޤުކުރައްވައި ޢަމަލުކުރަން ފަށާފައިވާ ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވިއެވެ. އަދި މަސްތުވާތަކެތީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ މަސައްކަތް މިހާރު ކުރައްވަމުންގެންދަވާ ކަމަށާއި، މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް އެ ބިލު ހުށަހަޅުއްވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ފަދަ މައްސަލަތަކުގައި ކުރީގެ ސަރުކާރުތަކުން ފަހަތުފަޔަށްބުރަވިކަމުގައި ވިޔަސް، މި ސަރުކާރުން އެއްވެސް ދުލެއް ނުދެއްވާނޭކަމަށާއި އެމަނިކުފާނު ހިންގަވާނީ ޤަނޫނުގެ ވެރިކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް