ޚާރިޖީ ވަޒީރާއި ތިމާވެއްޓާއި ބެހޭ ވަޒީރު، އދ. ޢާންމު މަޖިލީހުގެ 80 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެންފި

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލާއި ފަތުރުވެރިކަމާ ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، އދ. ޢާންމު މަޖިލީހުގެ 80 ވަނަ ބައްދަލުވުމުގެ ހައި-ލެވަލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަންނަވައިފިއެވެ.

ވަޒީރުގެންގެ މިދަތުރުފުޅުގައި މަތީ ފަންތީގެ ގިނަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި އިދާރާގައި މިއަހަރު ކުރިއަށް ގެންދާ އާންމު މަޖިލީހުގެ 80 ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ދެ ވަޒީރުން ފުރާވަޑައިގެންފައިވަނީ ހޮނިހިރު ދުވަހުއެވެ. މިދަތުރުފުޅުގެ ތެރެއިން މަތީ ފަންތީގެ ބައްދަލުވުންތަކުގައި ޚަރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އަދި ފަތުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅާއި ގުޅޭގޮތުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ވިދާޅުވީ، އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަން ދާއިރު، މިއީ އދ. މެންބަރު ޤައުމަކަށް ދިވެހިރާއްޖެ ވެގެން ދިޔަތާ 60 އަހަރު ފުރޭ އަހަރު ކަމަށެވެ. ވަޒީރު މިއަހަރުގެ ސެޝަނަކީ ކާމިޔާބު ސެޝަނަކަށްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުން އިތުރުކޮށް އެ މަގަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިފަހަރު ކުރިއަށްދާ އާންމު މަޖިލިޙުގެ ސެޝަންގެ ބަހުސްގައި ޚާރިޖީ ވަޒީރު ޑރ.ޚަލީލް ތަޤްރީރު ކުރައްވާނެއެވެ.

ޚަރިޖީ ވުޒާރާއިން ވަނީ މި ބައްދަލުވުންތަކުގެ ސަބަބުން، ދިވެހިރާއްޖެއާއި އ.ދ.ގެ މެމްބަރު ޤައުމުތަކާއި އދ.އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމަށް ވިދާޅުވެފައެވެ. އަދި ޤަވާއިދުން ބައްދަލުނުވެވޭ އ.ދ.ގެ މެންބަރު ޤައުމުތަކާއެކު އޮންނަ ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ފުރުޞަތު ލިބޭކަން އެވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މިއަހަރު ބާއްވާ އދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަންގެ ނައިބު ރައީސުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ދިވެހިރާއްޖެއިންވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުން ހޮވާ 5 ނައިބު ރައީސުންގެ ތެރެއިން އިންތިޚާބީ ގޮނޑިއެއް ކާމިޔާބުކޮށްފައެވެ.

މި އަހަރުގެ މަތީފަންތީގެ ހަފްތާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 22 އިން 30 އަށެވެ. އަދި އާންމު ބަހުޘް އޮންނާނީ 23 ސެޕްޓެމްބަރ އިން 29 ސެޕްޓެމްބަރަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް