ކާށިދޫގައި ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ. ކާށިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު  ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިމަހުގެ 7 ވަނަ ދުވަހުން ފެށިިގެން ކާށިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެދެމީހުން ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 18 ވަނަ ދުވަހުރޭގެ ވަގުތެއްގައި ކާށިދޫ އުތުރު އަވަށު ވަލުތެރެއިންނެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ކ. ކާށިދޫ / ސާދާގެ، އަޙްމަދު ފިރާގު (46އ) އާއި ކ. ކާށިދޫ / ޝަރަފް، ސާލިމް ނަޞީރު (43އ) އެވެ.

އެދެމީހުން ހައްޔަރުކޮށް، އެމީހުންގެ ހަށިގަނޑާއި އެމީހުން އެވަގުތު ތިބިތަން ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 110 ރަބަރު ޕެކެޓް ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 10.6 ގްރާމެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ފިރާޤަށް 7 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ސާލިމް ނަޞީރަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް