ނިލަންދޫ އެއާޕޯޓު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ފ. ނިލަންދޫގައި އެއާޕޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މޫސާ ޒަމީރެވެ.

ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމޭނޭ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި އެމަނިފާނު ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު ވަޢުދަކީ ވައިގެބަނދަރެއް ޤާއިމުކޮށްދެއްވުންކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އެ މަސައްކަތުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެއަރޕޯޓު މަސައްކަތަށް މިހާރު ހިއްކާފައިވާ ބިމަށް ބިން އިތުރުކޮށްގެން، 1800 މީޓަރުގެ ރަންވޭއެއް އެޅޭވަރަށް ބިން ހިއްކުމަށް އިރުޝާދު ދެއްވާފައިވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް