މިނިސްޓަރ ސަޢީދު، އެމްޕީއެލްގެ 39 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފި

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ 39 ވަނަ އަހަރީ ދުވަހާ ގުޅިގެން، ހުކުރު ދުވަހުގެ ރޭ ބޭއްވެވި  ޙަފްލާ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ޙަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެމްޕީއެލް އަކީ ރާއްޖޭގެ އިޤުތިޞާދަށާއި، އިޖުތިމާޢީ ކަންކަމުގައާއި ރާއްޖެއަށް ދިމާވާ އެކިއެކި ކަންކަމުގައި ތަފާތު ރޯލު އަދާކުރަމުންދާ ކުންފުންޏެއް ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އެމްޕީއެލްގެ މުވައްޒަފުން ކުރައްވަނީ ނުހަނު ޒިންމާދާރު މަސައްކަތެއް ކަމަށާއި، އެންމެން ގުޅިގެން އެއް ރޫހެއްގައި އަދި އެއް އަޒުމެއްގައި، މިއަދުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ޕޯޓާއި ލޮޖިސްޓިކްސްގެ އިތުރުން ޕޯޓާ ގުޅޭ އެހެނިހެން މަސައްކަތްތައް ތަރައްޤީކުރުމުގެ މަސައްކަތުގައި ކުރިއަށްގޮސްފިނަމަ، އަމާޒަށް ހާސިލުވެވޭނެކަން ޔަޤީންކުރައްވާ ކަމަށެވެ.

ރޭ ބޭއްވި މި ރަސްމިއްޔާތުގައި ވަނީ އެމްޕީއެލް އިން އަލަށް ތަޢާރަފުކުރާ ކޯޕަރޭޓް މެގަޒިން "އުޅަނދު ޖަރނަލް" ވެސް ލޯންޗްކޮށްފައެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްފައިވާ މުވައްޒަފުންނަށް ޚާއްސަ އެވޯޑުތަކެއް ދީފައިވެއެވެ. އެގޮތުން ރައިޒިން ސްޓާފް އެވޯޑް، އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް، އައުޓްސްޓޭންޑިންގ ލީޑަރޝިޕް އެވޯޑް އަދި ޓޮޕް 10 ސްޓާފް އެވޯޑް ހިމެނެއެވެ.

އަދި، އެމްޕީއެލް އަށް ޚިދުމަތް ކޮށްފައިވާ ރިޓަޔަރޑް މުވައްޒަފުންނަށް ހަނދާނީ ފިލާވެސް މި ރަސްމިއްޔާތުގައި ހަވާލުކޮށްފައިވެއެވެ.

ރޭގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާންގެ އިތުރުން، އެމް.ޕީ.އެލްއަށް ކުރިން ޚިދުމަތް ކޮށްދެއްވާފައިވާ ބައެއް ކުރީގެ ސީއީއޯއިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް